ރިޔާސީ އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ސަޕޯޓަރުންނާއެކު ފެނިލައިފި އެވެ.

ޕީޕީއެމްގެ ކަނބަލުންތަކެއް ރޭ ބޭއްވި މާހެފުމުގެ ހަލްފާއެއްގައި ރޭ މެޑަމް ފާތުން ބައިވެރިވި ފޮޓޯތަކެއް ސޯޝަލް މީޑިއާގައިވަނީ އާއްމުވެފަ އެވެ. މި ހަފްލާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

އެހަފްލާގައި ބައިވެރިވި މީހަކު ބުނީ ކަނބަލުންގެ ހަރަކާތްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އެކަމަނާ ހިތްވަރު ދެއްވިކަމަށެވެ. އަދި ކަނބަލުން ކުރާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރި ކަމަށެވެ.

ރައީސް ޔާމީންގެ 2018ވަނަ އަހަރުގެ ކެމްޕެއިންގައި އެކަމަނާވަނީ ވަރަށް އިސް ރޯލެއް އަދާކުރައްވާފަ އެވެ. އެގޮތުން ރައީސް ޔާމީން ޕްރޮމޯޓް ކުރެއްވުމާއި ރަށްރަށަށް ދަތުރުކުރެއްވުމާއި އަދި ބައެއްކަހަލަ އިވެންޓްތައް ވެސް އެކަމަނާ އިސްނަންގަވައިގެން ކުރިއަށް ގެންދެވި އެވެ. އެގޮތުން ކަނބަލުންގެ މައުރަޒާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކަމަނާ ދެއްވި ސަމާލުކަމާއި އެހީތެރިކަން ފާހަގަކުރެވެ އެވެ.

2018 ވަނަ އަހަރު ރައީސް ޔާމީން އިންތިހާބުން ބަލިވުމާގުޅިގެން އެކަމަނާ އެއްވެސް ހަރަކާތަކުން ފެނިފައެއްނުވެ އެވެ.