ބެއިޖިންގް (22 މާޗް) - ހުޅަނގު ޗައިނާގެ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް އިއްޔެ ވެއްޓުނު ޗައިނާ އީސްޓަން އެއާލައިންސް އިން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރެސްކިއު ޓީމްތަކުން މީހުން ހޯދުމުގެ މަސައްކަތް ކުރާތާ ދެ ދުވަސް ވެފައިވާއިރު ދިރިހުއްޓާ އެއްވެސް މީހަކު ފެންނާނެ ކަމުގެ އުއްމީދު ވަނީ ގެއްލިފަ އެވެ.

ވޫޒޫ އަވަށުގެ މަތިން ދަތުރު ކުރަމުން ދަނިކޮށް ކޮންޓްރޯލް ޓަވަރާ ގުޅުން ކެނޑުނުއިރު އެ ބޯޓުގައި 132 މީހުން ތިއްބެވެ. އެއީ 123 ފަސިންޖަރުންނާއި ނުވަ ކުރޫއިންނެވެ.

ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ހޯދިފައިނުވާއިރު ހާދިސާގެ ތަހުގީގު ކުރިއަށްދާ ކަމަށް ޗައިނާގެ ސިވިލް އޭވިއޭޝަން އެޑުމިނިސްޓްރޭޝަން އިން ބުނެ އެވެ.

ހާދިސާއަށްފަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެއްވި ތަގުރީރެއްގައި ވަނީ މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ކަމާ ބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފަ އެވެ.

އޭވިއޭޝަން ދާއިރާގެ މާހިރުން ބުނާ ގޮތުގައި ބޮއިން 737 މަރުކާގެ އެބޯޓު ވެއްޓުނީ 29،000 ފޫޓު މަތިން ދަތުރު ކުރަމުން ގޮސް ކުއްލިއަކަށް ދިމާ ތިރިއަށް ބޯޓުގެ މިސްރާބު ބަދަލުވެގެންނެވެ.

ތިރިއަށް ބޯޓުގެ މިސްރާބު ބަދަލުވާންވީ ސަބަބެއް އަދި ނުހޯދުނަސް ބޯޓުގެ ކަޅުފޮށި ފެނުމާއެކު މިކަމުގެ އިތުރު ތަފްސީލު ލިބިގެން ދާނެ ކަމަށް މާހިރުން ބުނެ އެވެ.

އެމްޔޫ 5735 ފްލައިޓު ވެއްޓުނީ ޗައިނާގެ ކުންމިންގްއިން ފުރައިގެން ގުއާންޒޫއަށް ދަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. - ދަ ސްޓްރެއިޓް ޓައިމްސް