ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދި 1،500 ސިޓީ އެޗްޑީސީއަށް ހުށަހަޅައިފި އެވެ.

ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުން ހިންގާފައިވާ މި މަޝްރޫއުގެ ދަށުން އަޅާފައިވާ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުން ދައްކަން ޖެހެނީ 8،500 ރުފިޔާގެ ކުއްޔެކެވެ. ނަމަވެސް އެޗްޑީސީއަށް ފޮނުވި ސިޓީގައި ކުލި 5،500 ރުފިޔާއަށް ކުޑަ ކޮށްދިނުމަށް އާންމުން ވަނީ އެދިފަ އެވެ.

މީގެ ކުރިން ވެސް އެކި ފަހަރުމަތިން ހިޔާ ފްލެޓް ތަކުގެ ކުލި ކުޑަކޮށްދިނުމަށް އާންމުން އެދުނު، ނަމަވެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްފި ނަމަ ފްލެޓް ހެދުމަށް ނެގި ލޯނުގެ މިންވަރާއި އެ ލޯނުގެ އިންޓްރެސްޓަށް އަރާ އަދަދާއި ލޯނު ދެއްކުމަށް ނަގާނެ މުއްދަތުގެ އިތުރުން ފްލެޓްތަކުގެ ޚިދުމަތަށް ހިނގާނެ ޚަރަދު ނުބައްދަލުވާނެކަން ފާހަގަކޮށް އެޗްޑީސީން ވަނީ ކުލި އެއަށްވުރެ ކުޑަ ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

މިހާރު ބައެއް އާއިލާތަކުން ހިޔާ ފުލެޓްތަކުގައި ދިރިއުޅެން ފަށާފައިވީ ނަމަވެސް، އެތަނުގައި ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

ހިޔާ ފްލެޓްތަކުގައި 2،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެން ފަށާފައިވާއިރު، އާންމުން ހިޔާ ފްލެޓް ތަކުގައި ދިރިއުޅެން ފަށާފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހުން ފެށިގެންނެވެ.