ގަވައިދާ ހިލާފަށް މާލޭގެ އެކި ސަރަހައްދުގައި ބަހައްޓާފައިވާ 1،360 ޕެލެޓް ނަގައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި 1،360 އަށް ވުރެ ގިނަ ޕެލެޓް ނެގިފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ދަނީ މާލޭގެ މަގުތަކުގައި ގަވާއިދާއި ހިލާފަށް ދުއްވާ އެއްޗިއްސަށާއި، ހިނގާބިގާވެ އުޅޭ މީހުންނަށް ދަތިވާނެހެން ބަހައްޓާފައިވާ ޕެލެޓްތައް ނެގުމުގެ މަސައްކަތް ކުރަމުންންނެވެ.

ސިޓީ ކައުންސިލް ވަނީ މުދާ އަރުވައި ބޭލުމަށް ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތަކުގައި މުދާ އަރުވާ ބޭލުމަށް ކުލި ދައްކާ ގޮތަށް ސްލޮޓް ހަމަޖެއްސުމަށް އެދި ކައުންސިލަށް ހުށަހެޅުމުން އެ ސަރަހައްދު ޗެކުކުރުމަށްފަހު، އެ ތަނަކީ ސްލޮޓް ހަމަޖައްސައިދެވޭ ކަހަލަ ތަނެއް ކަމުގައިވާނަމަ އެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަން ހިންގާ ފަރާތްތަކުން ކައުންސިލުން ދޫކުރާ "ވަކިކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި ހުށަހެޅުމުން އެތަންތަނުގެ ކުރިމަތީގައި ޕާކް ނުކުރެވޭ ގޮތަށް ދެ ރޮނގު ދަމައިދިނުމަށް ނިންމާފައިވެ އެވެ.