މިހާތަނަށް ދުނިޔޭގެ ބާޒާރުގައި ނީލަން ކިޔަން ހަމަ ޖެހިފައިވާ އެންމެ ބޮޑު ހުދު ޖަވާހިރު ކަމަށްވާ ދަ ރޮކް ފުރަތަމަ ފަހަރަށް ދުބާއީގައި ދައްކާލައިފި އެވެ.

228.31 ކެރެޓްގެ އެ ހުދު ޖަވާހިރު ނީލަން ކިޔމުގެ ކުރިން އާއްމުކޮށް ދައްކާލައިފައި ވާއިރު ނީލަމުގައި ޖަވާހިރުގެ އަގު 30 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

ޕިއާއެއްގެ ބައްޓަމަށް ހުރި ދަ ރޮކް އެންމެ ފުރަތަމަ ފެނިފައިވަނީ މީގެ 20 އަހަރު ކުރިން ދެކުނު އެފްރިކާއިން ކަމަށް ޖަވާހިރު ދައްކާލަން ބަހައްޓާފައިވާ ކްރިސްޓީސް ނީލަން މަރުކަޒުން ބުނެ އެވެ.

ކްރިސްޓީސް އޮކްޝަނުގައި މާޗް މަހުގެ 26 ން 29 ދައްކާލަން ބެހެއްޓުމަށްފަހު ޓައިޕޭ، ނިއު ޔޯކް އަދި ޖެނީވާއަށް ޖަވާހިރު ގެންދެވޭނެ އެވެ. އަންނަ މެއި މަހުގެ 11 ވަނަ ދުވަހު ދަ ރޮކްގެ ނީލަން ކިޔުން އޮންނާނީ ޖެނީވާގަ އެވެ.

ދުބާއީގައި ޖަވާހިރު ދައްކާލަން ނިންމީ އެ ސަރަހައްދަކީ ޑައަމަންޑް މާކެޓަށް ޑިމާންޑް އޮންނަ ސަރަހައްދަކަށް ވެފައި މީގެ ކުރިން މިފަދަ ދައްކާލުމެއް މެދު އިރުމަތީގައި ދައްކާލެވިފައި ނުވާތީ ކަމަށް އޮފިޝަލުން ބުނެ އެވެ.

މީގެ ކުރިން ނީލަން ކިޔުނު އެންމެ ބޮޑު ޖަވާހިރުގެ ރެކޯޑު އޮތީ 2017 ވަނަ އަހަރު 33.7 މިލިއަން ޑޮލަރަށް ވިކުނު 163.41 ކެރެޓުގެ ހުދު ޖަވާހިރަކަށެވެ.