ތޫނިސް (31 މާޗު) - ތޫނިސްގެ ދާހިލީ މަޝްރަހު ހޫނުވެ ރައީސް ގައިސް ސައީދު އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައިފި އެވެ.

ގައިސް މަޖިލީސް އުވާލައްވާފައި މިވަނީ އަހަރެއްހާ ދުވަސް ވަންދެން މަޖިލިސް ސަސްޕެންޑު ކޮށްފައި އޮތުމަށްފަހު އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު މަޖިލިސް ސަސްޕެންޑު ކުރެވުނީ ރައީސް ގައިސްގެ އެންގެވުންތަކާ ދެކޮޅު ހެދުމުގެ ވޯޓެއް ނެގުމުންނެވެ.

ގާތްގަނޑަކަށް 8 މަސް ދުވަސް ފަހުން ފުރަތަމަ މަޖިލީހުގެ ޖަލްސާ ބޭއްވިއިރު އެ ޖަލްސާއަށްފަހު ވާހަކަ ދައްކަވަމުން ގައިސް ވަނީ މަޖިލިސް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އެތަން އުވާލައްވާފަ އެވެ.

ގައިސް އިތުރަށް ވަނީ މަޖިލީހުގެ މެމްބަރުން ގުޅިގެން އޭނާގެ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ހިންގަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވައި އެކަމުގެ ތަހުގީގެއް ހިންގުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރެއް ނެރެފަ އެވެ.

ގައިސްގެ މި ރައްދާއެކު ތޫނިސްގެ ސިޔާސީ މަޝްރަހު އިތުރަށް ހޫނު ވާނެ ކަމަށް ބެލެވެ އެވެ. އަދި އަމުރު ނެރެފައިވާ ތަހުގީގުގެ ދަށުން މަޖިލިސް މެމްބަރުން ހައްޔަރު ކުރަން ފަށައިފި ނަމަ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ގައިސްގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުން ދާއިރު އިދިކޮޅުން ވަނީ މިދިޔަ އަހަރު މަޖިލިސް ސަސްޕެންޑް ކުރުމަކީ ބަޣާވާތެއް ހިންގައި ޑިކްޓޭޓާޝިޕެއް ގާއިމުކުރަން ގައިސް ކުރެއްވި ކަމެއް ކަމަށް ބުނެފަ އެވެ.

ތޫނިސްގެ މަސްރަހު ގޯސްވެފައި ވުމާއެކު ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ ޑިމޮކްރަސީގެ އުސޫލުތަކަށް އަލުން ރުޖޫއަވެ ގައުމުގައި އަމާންކަން ގާއިމު ކުރުމަށް ގައިސްއަށް އިލްތިމާސް ކޮށްފަ އެވެ. -- އަލް އަރަބިއްޔާ