މެދުއިރުމައްޗާއި ޔޫރަޕުގެ ގައުމުތަކުން ރާއްޖެއަށް ގެންނަ މުދަލުގެ ހަތަރު ހާހެއްހާ ކޮންޓެއިނަރު މެލޭޝިއާގެ ޓެންޖުން ޕަލަޕަސް ޕޯޓުގައި ތާށިވެ، އެ ސަރަހައްދުން މުދާ ގެންނަ ފްރާންސްގެ ޝިޕިން ލައިން، ސީއެމްއޭ - ސީޖީއެމް އިން މި ސަރަހައްދަށް ދަތުރުކުރާ ބޯޓު ކުޑަކުރުމުން ކަމަށް ބުނެ ފެތުރި ހަބަރު އެ ކުންފުނިން ދޮގުކޮށްފި އެވެ.
މެލޭޝިއާގެ އެ ޕޯޓަކީ ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރަކެވެ. އެ ބަނދަރަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ރާއްޖެއަށް ފޮނުވާ މުދާ ދެން ރާއްޖެއަށް ގެންނަން ޖެހޭނީ އެހެން ޝިޕިން ލައިނެއް މެދުވެރިކޮށް ކޮލަމްބޯ ޕޯޓަށް ގެންދިއުމަށް ފަހު ރާއްޖެއަށް ދަތުރުކުރާ ޝިޕިން ލައިނެއް މެދުވެރިކޮށެވެ.
މެލޭޝިއާ އަދި ކޮލަމްބޯ ބަނދަރުގައި ކޮންޓެއިނަރުތަކެއް ތާށިވުމުން ރޯދަމަހަށް ބޭނުންވާ ގިނަ މުދާ ނުގެނެވި ލަސްވުމުން މުދަލުގެ އަގު އުފުލޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފައިވެ އެވެ.
ނަމަވެސް އެ މައްސަލައާ ގުޅޭ ގޮތުން، ދުނިޔޭގެ 160 އަށްވުރެ ގިނަ ގައުމަށް ޝިޕިން އާއި ލޮޖިސްޓިކްސް ސަޕޯޓްދޭ ސީއެމްއޭ - ސީޖީއެމް އެފްރިކާ ލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން ރާއްޖެއަށް ހިދުމަތް ދެމުން އަންނަތާ 12 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލުއި ފަސޭހަކަމާއެކު މުދާ އުފުލުމުގެ ހިދުމަތް ދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޓެންޖުން ޕަލަޕަސް ޕޯޓުގައި ރާއްޖެ އަންނަން ހުރި 4،000 ކޮންޓެއިނަރު ތާށިވެފައިވާ ކަމަށް ބުނެ ފެތުރި ހަބަރާ ބެހޭ ގޮތުން ސީއެމްއޭ - ސީޖީއެމް އިން ބުނީ މިވަގުތު މެލޭޝިއާގެ އެ ބަނދަރުގައި ހުރީ ރާއްޖެ އަންނަން ހުރި 173 ކޮންޓެއިނަރު ކަމަށެވެ. އަދި އެ ކޮންޓެއިނަރުތައް އެތަނުގައި ހުންނަތާ ހަތް ދުވަހަށް ވުރެ ގިނަ ދުވަސް ނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސީއެމްއޭ - ސީޖީއެމް އިން ބުނީ އެ ކޮންޓެއިނަރުތައް ވީއެންމެ އަވަހަކަށް ފޮނުވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މިގޮތުން 32 ކޮންޓެއިނަރު މިދިޔަ އަންގާރަ ދުވަހު ފުރުވާލާފައިވާ ކަމަށެވެ. އަދި ބާކީ ހުރި 141 ކޮންޓެއިނަރު އަންނަ މަހުގެ 12 ވަނަ ދުވަހު ހިފައިގެން މެލޭޝިއާއިން ފުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ސީއެމްއޭ - ސީޖީއެމް އިން ބުނީ އޭގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ރާއްޖެއަށް ފޮނުވަން ޖެހޭ 425 ކޮންޓެއިނަރު އެބަހުރި ކަމަށެވެ. އަދި އެ ކޮންޓެއިނަރުތައް ފޮނުވުމުގެ ގޮތުން ހޯމަ ދުވަހު 187 ކޮންޓެއިނަރު ލޯޑުކުރި ކަމަށެވެ. އޭގެ އިތުރުން ބާކީ 238 ކޮންޓެއިނަރު އަންނަ މަހުގެ ފަސްވަނަ ދުވަހު ފުރުވާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސީއެމްއޭ - ސީޖީއެމް އިން ބުނީ މިއަހަރުގެ 15 ވަނަ ހަފުތާއިން ފެށިގެން ރާއްޖެއަށް އަލުން ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ.