ރޯދަ މަލާފަތުގެ މިއަދުގެ ބައިގައި މި ގެނެސްދެނީ ދިވެހިންގެ ތަގާފީ ކެއުމެކެވެ. އެކި ރަހަތަކަށް ބޭނުން ކުރެވޭ މި ކެއުމަކީ ކުޅިކޮށް ބޭނުންނަމަ ރިހައާއެކު ނުވަތަ ފޮނިކޮށް ބޭނުންނަމަ ކިރާއެކު ކެވިދާނެ ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 2 ޖޯޑު ފުށް
  • 1 ޖޯޑު ކާށިކިރު
  • 2 ޖޯޑު ފެން
  • 1 ކުކުޅުބިސް
  • ލޮނު

ތައްޔާރު ކުރާނެ ގޮތް

  1. ފުށް، ލޮނު، ކުކުޅުބިސް، ކާށިކިރު، އެއް ޖޯޑު ފެން އަޅައިގެން އެއްވެސް ގަނޑު އެތިކޮޅެއް ނެތް ވަރަށް ރަނގަޅަށް ގިރާލާށެވެ.
  2. ރަނގަޅަށް ގިރުމުން ބާކީ ހުރި ފެންފޮދު އަޅައި އެއްކޮށްލާށެވެ. މާ ބޮޑަށް އޮލަ ނަމަ، ކުޑަކޮށް ދިޔާ ކޮށްލަން ވާނެ އެވެ.
  3. ޓިޝޫކޮޅެއްގައި ތެޔޮފޮދެއް ހޭކުމަށްފަހު ތަވާ ފުހެލާށެވެ. ކުޑަކޮށް ތަވާ ހޫނުކޮށްލައިފައި މަޑު ގިނީގައި އުނދުން ބަހައްޓާށެވެ.
  4. ބޭނުންވާ ވަރުގެ އެތިފޮދެއް އުނދުޅިން ނަގައި، ތަވައަށް އެޅުމަށްފަހު، ވަށްބުރަށް ވާގޮތަށް އުނދުޅިން މަޑުމަޑުން ފަތުރާލާށެވެ. ފޮޅި ފިހެވުމުން ފޮޅީގެ ކައިރިފަށް ވަށައިގެން ނެއްޓެން ފަށާނެ އެވެ. އެއްފަރާތް ފިހެވުމުން ފޮޅި ފުށުން ޖަހާލުމަށްފަހު ކުޑަ އިރުކޮޅަކު ބާއްވާލަން ވާނެ އެވެ.
  5. މި ގޮތަށް ދެންހުރި ކިރު ކޮޅުން ވެސް ފޮޅިތައް ފިހެލާށެވެ.