ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ހިންގާވެލެވޭނީ ފައްޔާޒު އިސްމާއިލަށް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ކ. އަތޮޅު ކާށިދޫއަށް ވަޑައިގެންނެވުމަށްފަހު، އަސްލަމް މިހެން ވިދާޅުވީ އެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަަ އެވެ.
އަސްލަމް ވިދާޅުވިގޮތުގައި މިހާތަނަށް މި ސަރުކާރުގައި ކޮށްފައިވާ ގިނަ މަސައްކަތްތަކަކީ ފައްޔާޒުގެ ބެލުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކެވެ. އަދި އެކަމުން ވެސް ދޭހަވަނީ ފައްޔާޒުގެ ހިންގުންތެރިކަން ހުންނަވަރު ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ފައްޔާޒު މަސައްކަތް ކުރައްވާކަމަށެވެ. އަދި އެގޮތުގައި ކުރިއަށް އޮތް ދުވަސްތައް ހޭދަކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ފައްޔާޒާ އެކު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. އެޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކޮށްފައިވާއިރު، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހުގަ އެވެ.