ސިއްހީ ދާއިރާގެ ތަރައްގީއަށް މި ސަރުކާރުން އަލަށް ފެށި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދެއްވާފައިވާ ކަންކަމުގެ ތެރޭގައި، ތިމާވެއްޓާއި އިންސާނުންގެ ސިއްޙަތު ރައްކާތެރިކުރުން ހިމެނޭކަމަށެވެ. ވަކިން ޚާއްސަކޮށް، "ހަށިހެޔޮ ދުޅަހެޔޮ" ރައްޔިތެއް ބިނާ ކުރުމަށާ، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމާ، ބޭސްފަރުވާގެ ކަންކަން ކަށަވަރުކުރުމަށް، މި ސަރުކާރުން އަލަށް ފެށި މަޝްރޫޢުތަކުގެ ކާމިޔާބުން، ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ތިމާވެއްޓާއި ގުޅުންހުރި މައްސަލަތައް ހައްލުކޮށް ތިމާވެށީގެ ހާލަތާގުޅިގެން ދިމާވާ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމުގައި ވެސް، އެންމެން ގުޅިގެން އެކުގައި މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ސިއްހީ ދާއިރާގެ ސިޔާސަތުތަކާ، މަޝްރޫއުތަކާ ހިދުމަތްތައް މިހާރު ބައްޓަން ކުރަމުންދަނީ "ކްލައިމެޓް ސްމާޓް" މި އަމާޒަށްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާތްﷲގެ ވާގިފުޅާއެކު، ސިއްހީ ދާއިރާގެ ސިޔާސަތުތަކާ، މަޝްރޫއުތަކާ ހިދުމަތްތައް މިހާރު ބައްޓަން ކުރަމުން މިދަނީ، ސިއްހީ ދާޢިރާގެ ހިދުމަތް ފެހިކުރުމުގެ މަސައްކަތުގެ ތެރެއިން. ހަސްފަތާލުތަކާ ސިއްހީ މަރުކަޒުތަކަކީ "ކްލައިމެޓް ސްމާޓް" ތަންތަން ކަމަށް ހެދުމުގެ އަމާޒުގައި. ހިދުމަތް ދިނުމުގައި ބޭނުންކުރާ ޓެކްނޮލޮޖީއަކީ ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ކަމުގައި ވެގެންދާނެ. ސިއްހީ ހިދުމަތްދިނުމުގައި އުފެދޭ މެޑިކަލް އަދި އެހެހެނިހެން ކުނި، ތިމާވެއްޓަށް ރައްކާތެރި ގޮތުގައި ނައްތާލެވިގެންދާނެ،" ނަސީމް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ދުނިޔޭގެ ސިއްހަތު ދުވަސް ކަމުގައި ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހެވެ.
މިއަހަރު ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރަކީ "އަހަރެމެންގެ ދުނިޔެ، އަހަރެމެންގެ ސިއްހަތު" މި ޝިއާރެވެ.