ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ކުރިމަތީގައި ހަދާ ކޭ ޕާކް ރެސިޑެންސް އާއި އަމިއްލަ ކުންފުނިތަކުން ހުޅުމާލޭގައި ހިންގާ އެހެން ބައެއް ހައުސިން މަޝްރޫއުތައް ވެސް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ މިހާރު ފަށާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން މިވަގުތު މަސައްކަތް ހުއްޓިފައި ވަނީ ކޭ ޕާކް ރެސިޑެންސްގެ މަސައްކަތް ކަމަށެވެ. ކޭ ޕާކް ފިޔަވައި އެހެން ތަންތަނުގެ މަސައްކަތްތައް މެދުނުކެނޑި ކުރިޔަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ޕްރޮޖެކްޓްތައް ކުރިޔަށްނުދާތީ އަޅުގަނޑުމެންނަށް ވެސް ޝަކުވާ އާދޭ. ކޭ ޕާކްގެ މަސައްކަތް ހުއްޓިފައިވާތީ އެކަން އަވަހަށް ފެށުމާ ބެހޭ ގޮތުން އެ ކުންފުންޏާއެކު ދާދިފަހުން މަޝްވަރާކުރިން،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޭ ޕާކްގެ މަސައްކަތް ހުއްޓިފައި ވަނީ އެތަނުގެ މަސައްކަތްކުރާ ޗައިނާ ކޮންޓްރެކްޓަރަށް މީހުން ރާއްޖެ ނުގެނެވިގެން ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިމަހުގެ ތެރޭގައި އަލުން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

"ކޭ ޕާކްގެ މަސައްކަތް އެކަނި ހުއްޓިފައި އޮތީ. އެތަނާ ޖެހިގެން ހަދަމުން އަންނަ ޖައުސާގެ ޕްރޮޖެކްޓްގެ ވެސް ލަސްކަމެއް އެބަ އުޅޭ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކު ކުރިމަތީގައި ހަދާ ކޭ ޕާކް ރެސިޑެންސް. އެތަނުގެ މަސައްކަތް މިހާރު ވަނީ މެދުކެނޑިފައި. ފޮޓޯ: މަންޑޭ

ސުހައިލް ވިދާޅުވީ ކޭ ޕާކް މީހުންނާއެކު ބޭއްވި ބައްދަލުވުމުގައި އެތަނުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"ކޭ ޕާކުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައި. ދެން އޮތީ ދޮރުތައް އެރުވުމާއި ފިނިޝިންގެ މަސައްކަތްތައް،" އޭނާ ވިދާޅުވި އެވެ.

ކެ ޕާކް ރެސިޑެންސްގެ ވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ޓުވިޓާގައި ވިދާޅުވެފައި ވަނީ "ކޭ ޕާކް" ގެ މަސައްކަތް އަލުން ފެށުމަށް ޗައިނާގެ މަސައްކަތްތެރިންގެ ފުރަތަމަ ގްރޫޕް މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.

"ދެވަނަ ގްރޫޕް މާދަމާ ރާއްޖެ އައުމާއެކު ކުރިން ވެސް އޮތް ޝެޑިއުލާއެކު އިރާދަކުރެއްވިޔާ އަންނަ ބުދަ ދުވަހު މަސައްކަތް ފަށާނެ،" މަންޑޭ ވިދާޅުވެފައިވެ އެވެ.

ސުހައިލް ވިދާޅުވީ ހުޅުމާލޭގައި ކުރިޔަށް ގެންދާ ހުރިހާ ހައުސިން މަޝްރޫއުގެ މަސައްކަތްތައް އަމިއްލަފުޅަށް ބައްލަވައި މަސައްކަތް އަވަސްކުރެވޭނެ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ގިނަ ޕްރޮޖެކްޓްތައް ލަސްވީ ކޮވިޑާ ހެދި. އެހެންވެ މަސައްކަތަށް ބޭނުންވާ ސާމާނާއި މީހުން ނުގެނެވުން ކަހަލަ ދަތިތަކެއް އެބަ އުޅޭ،" އޭނާ ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ ބޮޑެތި ހައުސިން ހައުސިން މަޝްރޫއުތައް ނިންމަން ދެ އަހަރުގެ މުއްދަތު ކުރުމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ ކުރިޔަށް އޮތްތަނުގައި އެ މަސައްކަތްތައް ނިންމަން އެކަށީގެންވާ މުއްދަތެއް ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިވަރުގެ ޕްރޮޖެޓެއް ނިންމަން ދެ އަހަރަކީ ކުރު މުއްދަތެއްކަމަށް އަޅުގަނޑު ދެކެނީ. ކުރިޔަށް އޮތްތަނުގައި އެ މުއްދަތު ދިގުކޮށްދޭން މަސައްކަތްކުރާނަން،" ސުހައިލް ވިދާޅުވި އެވެ.

ކޭ ޕާކާއި އެހެން ހައުސިން ޕްރޮޖެކްޓްތައް ނުނިމި ދިގުލައިގެން ދިއުމުން، އެތަންތަން ގަންނަން ފައިސާ ދައްކާފައިވާ ފަރާތްތަކުން ދަނީ ޝަކުވާކުރަމުންނެވެ.

"އަޅުގަނޑުމެން ކައިރީގައި މިދިޔަ އަހަރު ކޭ ޕާކް މީހުން ބުނި މިއަހަރުގެ ފެބްރުއަރީ މަހު މަސައްކަތް ނިންމައި ތަން ހަވާލުކުރާނެ ކަމަށް. އެހެން ބުނެގެން އަޅުގަނޑުމެން ވެސް ތައްޔާރުވެގެން ތިއްބާ ކޮވިޑް އައިއިރު ވެސް އެތަނެއް ނުނިމުނު. މިހާރު އަނެއްކާ ވެސް އެތަން ނިމޭނެ މުއްދަތު މިވަނީ ލަސްވެފައި. މިއީ ވަރަށް ބޮޑު ގެއްލުމެއް،" ކޭ ޕާކް ރެސިޑެންސް އިން ފްލެޓެއް ގަނެފައިވާ މީހަކު ބުންޏެވެ.