ކީވް (11 އޭޕްރީލް) - ޔޫކްރެއިންގެ ބިމުން އެންމެ އިންޗިއެއް ވެސް ރަޝިއާއަށް ދިނުމަށް މަޝްވަރާ ނުކުރާނެ ކަމަށް އެ ގައުމުގެ ރައީސް ވްލޮޑިމީރު ޒެލެންސްކީގެ ފަރާތުން ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ ސަފީރު ރުސްތަމް އަމިރޯވް ވިދާޅުވެއްޖެ އެވެ.

އަލް އަރަބިއްޔާއަށް ދެއްވި އިންޓަވިއުއެއްގައި އަމިރޯވް ވިދާޅުވީ ޔޫކްރެއިންއިން ބޭނުންވަނީ ބައިނަލްއަގްވާމީ މުޖުތައުގެ ފަރާތުން ރައްކާތެރިކަމުގެ ޔަގީންކަން ކަަމަށެވެ.

"ޑޮނެސްކް އަދި ލުހަންސްކްއަކީ ޔޫކްރެއިންގެ ބިން، އެކަމުގައި އިތުރު މަޝްވަރާ ކުރުމެއް ނެތް،" އަމްރޯވް ވިދާޅުވި އެވެ.

ޑޮނެސްކްއާއި ލުހަންސްކްއަކީ ޔޫކްރެއިންގެ ސަރުކާރާ ވަކި ދައުލަތެއް އިއުލާން ކޮށްފައިވާ ސަރަހައްދުތަކެކެވެ. ރަޝިއާ އިން ވަނީ މި ދައުލަތް ބަލައިގަނެފަ އެވެ.

އަމިރޯވް އިތުރަށް ވިދާޅުވީ ޔޫކްރެއިންއަކީ މިނިވަން ގައުމެއް ކަމަށާއި ހުޅަނގުން ބުނާހާ ގޮތަކަށް އެ ގައުމުން އަމަލު ނުކުރާނެ ކަމަށެވެ.

"ހުޅަނގާއެކު އޮތް ގުޅުމަކީ މަޝްވަރާގެ ގުޅުމެއް. ހުޅަނގުގެ އެއްވެސް އޯޑަރެއް ނުނަގަން،" އޭނާ ވިދާޅުވި އެވެ.

ކީވްއިން ރަޝިއާގެ ސިފައިން ފޭބުމާއެކު ހަނގުރާމައިގައި ޔޫކްރެއިންއަށް ކާމިޔާބު ލިބެމުން އަންނަ ކަމަށް އަމިރޯވް ފާހަގަ ކުރެއްވި އެވެ.