އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުމާއި، މަކަރާއި ހީލަތުން ފައިސާ ނުވަތަ ތަކެތި ބޭނުންކުރުމަކީ ކުށެއްކަމަށް ދިވެހިރާއްޖޭގެ ގާނުނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވެ އެވެ. ޗެކް ބައުންސް ވުމުގެ މައްސަލަތަކަކީ ވެސް ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން ތަހުގީގުކުރަމުންގެންދާ މައްސަލަތަކެކެވެ. ނަމަވެސް، 2020 މާރިޗު 15 ވަނަ ދުވަހުން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އަަމަލުކުރަމުންދާ އުސޫލުގެ ދަށުން، ޗެކު ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާކުރުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

މިގޮތުން މިއުސޫލުގެ ދަށުން ޖިނާއީ ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ނިންމާފައިވާ މައްސަލަތަކުގެތެރޭގައި ދަރަނީގެ ގޮތުގައި ހޯދާފައިވާ ފައިސާއެއް އަނބުރާ ދެއްކުމުގެ ގޮތުން ދޫކޮށްފައިވާ ޗެކެއް ބައުންސް ވެގެން ހުށަހެޅޭ މައްސަލަތަކާއި، މައްސަލައިގައި ހިމެނޭ މުއާމަލާތުގައި ރިބާ އެކުލެވޭކަމަށް ބެލެވޭނަމަ ނުވަތަ މައްސަލައިގައި ހިމެނޭ މުއާމަލާތުގައި އެކުލެވޭ ޕްރިންސިޕަލް އެމައުންޓާމެދު ދެޚަސްމުން ހިލާފުވާ ހާލަތުގައި ޕްރިންސިޕަލް އެމައުންޓު ސާބިތުވާ ހަރުދަނާ ހެއްކާއި ގަރީނާ ލިބިފައިނުވާ މައްސަލަތައް ހިމެނެ އެވެ. މީގެ އިތުރުން މަނިޓަރީ ގަވާއިދާ ހިލާފަށް ލައިސަންސް ނެތި ވިޔަފާރި އުސޫލުން ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލަތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އަގު ފިޔަވައި އެހެން އަގެއްގައި ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލައެއް ވާނަމަ އެފަދަ މައްސަލައެއްގައިވެސް ޖިނާއީ ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވަނީ ނިންމާފަ އެވެ.

ފުލުހުން ބުނީ އެ އުސޫލުތަކުގެ އިތުރުން އާއްމު އުސޫލެއްގެ ގޮތުން، ދެ ފަރުދެއްގެ މެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ދޫކޮށްފައިވާ ޗެކަކީ ކުންފުންޏެއްގެ ނުވަތަ އެނޫންވެސް ގާނޫނީ ޝަހުސެއްގެ އެކައުންޓުން ދޫކޮށްފައިވާ ޗެކެއް ކަމަށްވާނަމަ އެފަދަ މައްސަލަތައް ނުވަތަ ދެމީހެއްގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތިންވަނަ ފަރާތަކުން ޗެކް ދޫކޮށްފައިވާ މައްސަލަތަކުގައި ވެސް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފައިސާ އިންވެސްޓުކޮށްފައި ލިބޭ ފައިދާ ހިއްސާކުރާގޮތަށް އެއްބަސްވެ ކުރެވިފައިވާ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކް ބައުންސްވާ މައްސަލަތަކުގައި ވެސް ޖިނާއީ ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުން ނިންމާފައިވާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

"އެހެންކަމުން އެފަދަ މައްސަލައެއް އެއްވެސް މީހަކަށް ދިމާވެއްޖެނަމަ ޖެހޭނީ ލިބުނު މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އެމީހަކު އަމިއްލައަށް އެ މައްސަލައެއް ކަމާބެހޭ ޝަރުއީ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ. އަދި ޕްރޮސިކިއުޓަރ އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޗެކް ބައުންސް މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ހުށަހެޅޭ ހާލަތުގައި، އެފަދަ މައްސަލައެއްގައި ދައުވާ ކުރުމަށް ފޮނުވާ ފަހުން ޗެކަށްވާ ފައިސާ ބަދަލު ލިބޭ ފަރާތަށް ދައްކާ ހަލާސްކުރި ކަމުގައިވީ ނަމަވެސް، އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާ ކުރިއަށް ގެންދިއުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމާފައިވާކަން ފާހަގަކުރަން ޖެހެއެވެ." ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ ޗެކް މެދުވެރިކޮށް މުއާމަލާތުތައް ހިންގުމުގައި މި ކަންކަމަށް ސަމަލުކަން ދެއްވައި ކުރެވޭ މުއާމަލާތަކީ ރައްކާތެރިކަމާއެކު ކުރެވޭ މުއާމަލާތެއްކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.