ލޯބިވާ މީހަކު ވަކިވެދިއުމުން ކުރެވޭނެ އިހުސާސް އެކަން ތަޖުރިބާ ކޮށްފައިހުރި މީހަކަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. އެ އިހުސާސަކީ ގިނަ ފަހަރު ތިމާ ދިރިހުރި ހުރިހާ ދުވަހަކު ތިމާއާއެކު ހިޔަންޏެއް ފަދައިންވާ އެއްޗެކެވެ.
ބައެއް މީހުން ބުނެ އެވެ. "ދުވަސްކޮޅެއް ވީމާ ރަނގަޅުވެދާނެ" އެވެ. އެކަމަކު އެއީ ކިހާ ދުވަހެއް ހެއްޔެވެ؟ އެއް ދުވަސް ހެއްޔެވެ؟ ހަފްތާއެއް ހެއްޔެވެ؟ ނުވަތަ ދެތިން އަހަރު ހެއްޔެވެ؟
އަދި ބުނާނެ އެވެ. "މޫވް އޮން" ކޮށްލާށެވެ. މިއީ ދުލަށް ވަރަށް ލުއި، އެހެނަސް ހިތަށް ނިކަން ބުރަ ކަމެކެވެ.
ހަގީގަތުގައި ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުން ފުރިހަމައަށް އަރައިގަނެ "މޫވް އޮން" ކުރެވޭނެ ކަމަށް ގަބޫލު ނުކުރަމެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ދުވަސްވާ ވަރަކަށް އެ ކަންކަމާއެކު އުޅެން އަހަރެމެންނަށް ދަސްވަނީ އެވެ. އެހެން ނަމަވެސް ހަމަ އިއްޔެވީ ކަމެއް ފަދައިން އެ ކަންތައް ހަނދާން ހުރެ އެވެ.
ލޯބިވާ މީހަކު ވަކިވެގެން އެ އަންނަ ފުރަތަމަ ދުވަސްކޮޅު ކާ ހިތެއް ނުވާނެ އެވެ. ފެންވަރާ ހިތެއް ނުވާނެ އެވެ. ލޮލަކަށް ނިންޖެއް ނާންނާނެ އެވެ. ދިރިއުޅުން އެހާ ހިސާބުން ހުއްޓުނީ ކަމަށް ހީވާން ފަށާނެ އެވެ. މި މަރުހަލާ އަކީ ނަފްސާނީ ގޮތުން މީހާއަށް ވަރަށް ވާނުވާ މަރުހަލާއެކޭ ބުނެވިދާނެ އެވެ.
ނަމަވެސް ދަންނަން ޖެހޭ ކަމެއް އެބައޮތެވެ. ތިމާ ރޭގަނޑު ފާހަނަ ތޭރޭގައި ރޯން އިންނައިރު މަސަލަސް ކުރާކަށް ދެވަނަ މީހެއް ނާންނާނެ އެވެ. ހިތްވަރެއް ލާފައި އެކަން ކުރަން ޖެހޭނީ އަމިއްލަ މީހާ އަށެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަށްކަން ގަބޫލުކޮށް މާޒީން އަތް ދޫކުރުމަށް ފަހު ދިރިއުޅުމުގެ ހާލަތު އެވަގުތު ހުރި ގޮތަކަށް ހޭނޭށެވެ.
ވަކިވެ ދިޔަ މީހަކާއެކު ހޭދަކުރެވުނު ވަގުތު، ކިތަންމެ ބޭނުންވިޔަސް އަނބުރާ ނުލިބޭނެ އެވެ. އެ ހަނދާންތައް ސިކުނޑީގައި ރައްކާކުރުމަށް ފަހު ދިރިއުޅުމާއިގެން ކުރިއަށް ދަން މަސައްކަތް ކުރަންވާނެ އެވެ.
"މޫވް އޮން" ކުރުމަކީ އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް މާޒީވެ ދިޔަ ދުވަސްތައް މަތިން ހަނދާންކޮށް އެކަމާ ހިތާމަކޮށް ތިމާގެ ދިރިއުޅުން މަޑުޖައްސާލައިގެން ހުރުމުން ވާނީ ވަކި ކޮން ފައިދާއެއް ހެއްޔެވެ؟ ދަސްކުރަންވީ އެ ހަނދާންތަކާއެކު ދިރިއުޅޭށެވެ. އަމިއްލަ ނަފްސަށް އިތުބާރުކޮށް، ކެތްތެރިވެ، އެކަމުން އަރައިގަތުމަށް މަސައްކަތް ކުރާށެވެ.
އެއީ ފަރުވާގެ ފެށުމެވެ. ދިވެހި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު ލިޔުއްވާފައިވެ އެވެ. "ހިރުވާ އެއްވެސް ތަނެއް ނުކަހާ ރަނގަޅުވޭ ހެއްޔެވެ؟".