ޣައްޒާ (15 އޭޕްރީލް) - މި ރަމަޟާން މަހާ ދިމާކޮށް ވެސް ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ސިފައިންނާއި ފަލަސްތީނުގެ އާއްމުންނާޔ ދެމެދު ކުރިމަތިލުންތައް ފަށައިފި އެވެ.

އެގޮތުން މިއަދުގެ ހެނދުނުން ފެށިގެން މަސްޖިދުލް އަގްސާގެ ސަަރަހައްދުގައި އިޒްރޭލް ސިފައިންނާއި ފަލަސްތީނުގެ އާއްމުންނާ ދެމެދު ކުރިމަތިލުންތައް ވަނީ ފަށާފަ އެވެ. މި ކުރިމަތިލުން ތަކުގައި މިހާތަނަށް 59 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިއަދުގެ ފަތިސް ނަމާދުގެ ޖަމާއަތް ކުރިއަށް ދިޔަ ވަގުތު އިޒްރޭލު ސިފައިން ވަނީ މިސްކިތުގެ ގޯތި ތެރެއަށް ވަދެ ހަމަލާ ދޭން ފަށާފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިޒްރޭލު ސިފައިން ވަނީ އަޅުކަމުގައި ތިބި މީހުންނަށް އަމާޒުކޮށް ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުން ކޮށްފަ އެވެ.

މިއަދުގެ ހުކުރު ނަމާދަށް އެތައް ހާސް ބަޔަކު މިސްކިތަށް ޖަމާވާނެ ކަމަށް ލަފާ ކުރެވޭއިރު ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ހަރަކާތްތެރި ވަމުންދެ އެވެ.

މީގެ އިތުރުން ވެސް މިދިޔަ ހަފްތާ ތެރޭގައި ހުޅަނގު އައްސޭރިން އިޒްރޭލު ސިފައިން ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލާފައިވާއިރު އޭގެ ދުވަސްކޮޅެއް ފަހުން ހަމަ އެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ދެ އާއްމުން ވަނީ ޝަހީދުވެފަ އެވެ

މިދިޔަ ރޯދަ މަހުވެސް އިޒްރޭލް ސިފައިންނާ ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތާ ދެމެދު ހަމަލާ ބަދަލު ކުރުން ތަކެއް ހިނގާފައިވާއިރު އެ ފަހަރު ވެސް ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. -- އަލް އަރަބިއްޔާ