ކީވް (16 އޭޕްރީލް) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެ، ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ރަޝިއާއަކީ އިންސާނުންގެ ފުރާނައަށް ރައްކާތެރިނުވާ ގައުމެއް ކަމަށާއި އެހެން ކަމުން ހަނގުރާމައިގައި ނިއުކްލިއާ ބާރު ބޭނުން ކުރަން އެ ގައުމުން ފަސް ނުޖެހޭނެ ކަމެއް ކަމަށެވެ.

"އެއީ ވުން ގާތް ކަމެއް. ރަޝިއާއަކީ އިންސާނީ ލޭ ހުރުމަތްތެރިކުރާ ބައެއް ނޫން،" ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ މިހެން ވިދާޅުވެފައި މިވަނީ އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީގެ ޑިރެކްޓަރު ވިލިއަމްސް ބާންސް ވެސް މި ބީދައިން ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ވިލިއަމްސް ވަނީ ހަނގުރާމައިގައި ރަޝިއާއަށް ލިބެމުންދާ ނާކާމިޔާބީގެ ސަބަބުން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ ވިސްނުމެއް ރައީސް ވްލޮދިމީރް ޕުޓިން ގެންގުޅުއްވާފާނެ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިންއަށް އަަރައި ހަނގުރާމަ ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕުޓިން ވަނީ އެ ގައުތުގެ ނިއުކްލިއާ ބާރުތައް އެލާޓަށް ގެނެސްފަ އެވެ. ނަމަވެސް އެއަށްފަހު ވެސް އާދަޔާ ޚިލާފު ނިއުކްލިއާ ހަރަކާތްތަކެއް ފާހަގަ ނުކުރެވޭ ކަމަށް އެމެރިކާއިން ބުނެ އެވެ.

ރަޝިއާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ނިއުކްލިއާ ބާރު އެންމެ ވަރުގަދަ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. -- އަލް އަރަބިއްޔާ