އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރިގަދަވެ، އެމްޑީޕީ މެމްބަރުން ތިބޭ ވަޓްސްއަޕް ގްރޫޕެއްގައި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ޒިނޭކުރުމާއި ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތު ކޮށްފި އެވެ.
ސޯޝަލް މީޑިއާއަށް ލީކުވެފައިވާ އެ ގްރޫޕުގެ ސްކްރީން ޝޮޓްތަކުގައި ހަޑިހުތުރު ބަހުން ވާހަކަ ދައްކާ ޒުވާބު ކޮށްފައިވަނީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި އެކަމަނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ.
ޝިއާން ރޮޒައިނާއަށް ބުނެފައި ވަނީ މިނާކުޑޭ ހެދި މަސް ފެކްޓްރީއެއް އިނދަ ޖެހުނީ ރޮޒައިނާ ވަގު ފިރިހެނުން ގެންގުޅޭތީ، ރޮޒައިނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު ނާޝިޒްއަށް އެ ރަށުގައި ނުހުރެވިގެން މާލެ އަންނަން ޖެހިގެން ކަމަށެވެ.
ގިޓާ މިހެން ބުނެފައިވަނީ ޝިއާން ހުރީ ހަމަޔަކު ނޫން ކަމަށް ރޮޒައިނާ ބުނުމުންނެވެ. އަދި ޝިއާން ވަނީ އެގޮތަށް "ވަގު ފިރިހެނުން ގެންގުޅުން" އެއީ "ފުޅިއަށް ވުރެ" މާ ނުރައްކާތެރި އެއްޗެއް ކަމަށް ބުނެފަ އެވެ.
ޝިއާންގެ ވާހަކައަށް ރައްދު ދެމުން ރޮޒައިނާ ބުނީ އެ ވާހަކަތައް ގަބޫލުކުރާނެ މީހެއް ރާއްޖޭގައި ނުހުންނާނެ ކަމަށާއި، އެއީ ގިޓާ (ޝިއާން) އަމިއްލައަށް ވެސް ގަބޫލު ނުކުރާނެ އެއްޗެއް ކަމަށެވެ. އަދި، އެބުނާ މަސް ފެކްޓަރީއަކީ މިނާ ކުޑޭ ހެދި ތަނެއް ނޫން ކަމަށާއި އެއީ އަހުމަދު ތަސްމީން ހެދި ތަނެއް ކަމަށް ރޮޒައިނާ ބުންޏެވެ.
މި ވާހަކަތަކާ ގުޅިގެން ނާޝިޒް ވެސް ވަނީ ޝިއާން އަށް ރައްދު ދީފަ އެވެ. ނާޝިޒް ބުނެފައިވަނީ އެއީ ފުކެއް ބޮޑުވަރު ކަމަށާއި އެ ގުރޫޕުގައި މިނާކުޑޭ އޭ އަނެއް މީހެކޭ ކިޔާކަަށް ނުޖެހޭ ކަމަށެވެ.
"ގިޓާގެ އަނބިކަނބަލުން ވިއްކައިގެން ފުޅި ހިއްޕަވައިގެން ޓެރަސް މަތިންނާއި ސަފާރީތަކުން އުޅުއްވިއަސް ރޮޒޭއަށް ނުޖެހޭނެ މީހެއް ކައިރިއަށް ދާކަށް އެއްވެސް ކަމެއްގައި. އަދި ނުވެސް ދާނެ،" ނާޝިޒް ބުނެފައިވެ އެވެ.
އިތުރަށް ރޮޒައިނާ ބުނެފައިވަނީ އެކަމަނާ އެހެން މީހުން ހޯދަން ޖެހޭވަރަށް ވުރެ ނާޝިޒް މާ "ގަދަ" ކަމަށެވެ. އަދި 30 އަހަރުވީ އިރުވެސް ފޫހި ނުވާ ކަމަށެވެ.
އެމްޑީޕީގެ މެމްބަރުން އެއް ބަޔަކު އަނެއްބަޔަކަށް މިހާ ހަޑިހިތުރު ބަހުރުވައިން ވާހަކަ ދައްކަމުންދާއިރު އެތެރޭގެ އިންތިހާބާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެދުގައިވަނީ ވަރަށް ބޮޑު ވާދަވެރިކަން އުފެދިފަ އެވެ. އެގޮތުން މަޖިލީހުގެ ތަޅުމުގައި ވެސް ދެ ފެކްޝަންގެ މެމްބަރުން ދަނީ ބަހުގެ ހޫނު ހަމަލާތައް ރައްދުކުރަމުންނެވެ. މިއަދު ވަޓްސްއަޕް ގްރޫޕެއްގައި ކުރެވިފައިވާ ތުހުމަތު ތަކަކީ ދައުވާކޮށްފިނަމަ އަދަބުލިބޭ ވަރުގެ ވާހަކަތަކެވެ.