ކުޑައިރު ރޯދަމަހު ހަވީރު އެންމެ ބޮޑަށް އިންތިޒާރުކުރަނީ ދިވެހިރާއްޖޭގެ އަޑުން ފޮނުވާ ހެއްވާ މަޖާ އެތައް ކަމެއް ހިމެނޭ ގޮތަށް ފޮނުވާ "ރޯދަ ކުރުކުރުން" ޕްރޮގްރާމަށެވެ. މުނިފޫހިފިލުވުމުގެ މާގިނަ ހަރަކާތްތަކެއް ނޯންނަ އޭރު ބައެއް ދުވަސް ދުވަހު އެ ޕްރޮގްރާމުގައި ބައިވެރިވުމަށް "ގަޑިން ހަތަރުގަޑި ތިރީސް، މިއީ ރޯދަ ކުރުކުރުން" ޕްރެޒެންޓަރު ބުނުމާއެކު އަޑުގެ ނަމްބަރަށް ވެސް ގުޅަން ފަށަމެވެ. އެކަމަކު ތަކުރާރުކޮށް އެތައް ފަހަރަކު ގުޅާއިރު ވެސް ދުވަހަކު ވެސް އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ނަސީބެއް ނުލިބެ އެވެ. އެއީ އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ކޮންމެ ދުވަހަކު ވެސް އޮންނަ ކިޔޫ ދިގުވީމަ އެވެ.
ދިވެހިރާއްޖޭގެ އަޑުން އުފެއްދި އެންމެ ގިނަ ދުވަސްވީ ލައިވް ޕްރޮގްރާމްގެ ގޮތުގައި ހިމެނޭ "ރޯދަ ކުރުކުރުން" ޕްރޮގްރާމް ފުރަތަމަ ފޮނުވުމުގައި ހަރަކާތްތެރިވީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު ސަމަރުބްލޫ އިބްރާހިމް މަނިކު (ސަމަރޭ) އާއި ބަދުރުއް ނަސީރު (ބަދުރު) އަދި އަބްދުﷲ ސޯދިގު (ސޯދުބެ) އެވެ.
އެ ޕްރޮގްރާމްގެ ކޮންސެޕްޓާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ބަދުރު ވިދާޅުވީ އެއީ ސީދާ ސަމަރޭގެ ހިޔާލަށް އުފެއްދި ޕްރޮގްރާމެއް ކަމަށެވެ.
"އޭރު ސަމަރޭ އުފެއްދި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އެންމެ މަގުބޫލު އެއް ޕްރޮގްރާމް އެއީ. މުޅިން ވެސް ސަމަރޭގެ ހިޔާލާއި ވިސްނުން އެއީ،" އޭނާ ވިދާޅުވި އެވެ.
"ރޯދަ ކުރުކުރުން" ޕްރޮގްރާމަކީ ރޯދަމަހު ހަވީރު 4:30 އިން ފެށިގެން ހަވީރު 5:30 އާ ދެމެދު ފޮނުވާ ލައިވް ޕްރޮގާމެކެވެ. ސީދާ ވަކި އަހަރެއް ނޭގުނަސް އެ ޕްރޮގްރާމް މެދުނުކެނޑި ފޮނުވާތާ ސާޅީހަކަށް އަހަރު ވެދާނެ ކަމަށް ބަދުރު ލަފާކުރައްވަ އެވެ.
އެ ޕްރޮގްރާމް ފޮނުވުމުގައި މިހާރު 12 ވަރަކަށް އަހަރުވެފައިވާ އަޑުގެ މަޝްހޫރު ޕްރެޒެންޓަރު ނަސްރުﷲ އިދުރީސް ވިދާޅުވީ އެ ޕްރޮގްރާމަށް އަދިވެސް ރާއްޖޭގެ އެކިކަންކޮޅުތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
"މިހާރު ވެސް ޓީމުތައް ހަދައިގެން ބައިވެރިވާ ރަށްރަށް ހުރޭ. ކޮންމެ ދުވަހަކު ވެސް މި ޕްރޮގްރާމުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު އެސްއެމްއެސް ފޮނުވާ، ނަމަވެސް އަޅުގަނޑުމެން ވަގުތު އޮންނަ ގޮތުން މިގުޅެނީ ދިހައެއް ނުވަތަ 12 މީހުންނަށް،" ޕްރޮގްރާމް ފޮނުވަމުން ސްޓޫޑިއޯގައި "ހުރިހާ"އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ރޯދަ ކުރުކުރުން: ހެއްވާ މަޖާ އެތައް ކަމެއް
އެ ޕްރޮގްރާމަކީ ވަރަށް ބޮޑަށް މީހުން ހެއްވައި، ސަމާސާކުރުމުގެ ތެރެއިން ކުރިޔަށްދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައި "ބަސްފުރޮޅި"ގެ ގޮތުގައި ބޭނުންކުރި ބައެއް ކަންކަން އަދިވެސް ގިނަ ބަޔަކު ހަނދާނުގައި ހަރުލާފައިވެ އެވެ. އެގޮތުން "އެ ޕިކަޕުން މި ޕިކަޕަށް"، "ބުޅާ ފުރާޅަށް އަރާ، ބުޅާ ފުރާޅުން ފައިބާ" މި ކަހަލަ މަޖާ އެއްޗެތި ވަކި ވަގުތެއްގެ ތެރޭގައި ކިޔުމުން ވެސް ޕޮއިންޓް ނުވަތަ އިނާމު ލިބެ އެވެ. މި ކަހަލަ އެއްޗެތި އެ ވަގުތުކޮޅު ތެރޭގައި އޮޅުވާ ނުލައި ކިޔެނީ ވަރަށް މަދު މީހަކަށެވެ. ދެން ބައެއް މީހުން ދޫ އޮޅި، ކިޔޭ ނުކިޔޭ އެއްޗެއް ނެގި ހިނިގަނޑު ފަޅައިގެން ގޮސް ހުއްޓެވެ.
"މި ޕްރޮގްރާމް ބައްޓަންކޮށްފައިވާނީ ވީހާވެސް މީހުން ބައިވެރިވުމާއެކު ކުރިޔަށް ގެންދާ ގޮތަށް. އަދި އޭގެ އިތުރުން ނިސްބަތުން އަގުބޮޑު އިނާމުތަކެއް ކޮންމެ އަހަރަކު ވެސް ދެމުން ގެންދާތީ ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭ،" ނަސްރު ވިދާޅުވި އެވެ.
ރޯދަމަހު ދިވެހިރާއްޖޭގެ އަޑުން ފޮނުވާ ޕްރޮގްރާމްތަކުގެ ތެރެއިން "ރޯދަ ކުރުކުރުން" އަކީ ސްޕޮންސަރުންގެ ޑިމާންޑް ވެސް އެންމެ ބޮޑަށް ލިބޭ ޕްރޮގްރާމެވެ. އެ ޕްރޮގްރާމް ސްޕޮންސަރުގެ އަދަދު ވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަން ނަސްރު ފާހަގަކުރެ އެވެ.
"ސްޕޮންސަރުންގެ ޑިމާންޑް ވެސް ވަރަށް ބޮޑު. އޭގެ އިތުރުން އެހުންތެރިންގެ ސަމާލުކަން ވެސް އެހާ ބޮޑަށް ލިބޭ ޕްރޮގްރާމެއް މިއީ،" އޭނާ ވިދާޅުވި އެވެ.
މީގެ އަހަރުތަކެއް ކުރިން ޕްރޮގްރާމްގައި ބައިވެރިވެ އިނާމް ލިބޭ މީހުންނަށް ކުރިން ވަގުތުން ގެއަށް އިނާމް ފޮނުވައިދެ އެވެ. ނަމަވެސް ފަހުން މާލޭގެ ގެތައް ބުރިބުރިއަށް އުފުލި، މަގުތަކުގެ ޓްރެފިކް ބާރުބޮޑުވުމުން އެބައި ވަނީ ހުއްޓާލައިފަ އެވެ.
މި ކަހަލަ އެތައް މަޖާ ބައިތަކާއެކު ފެށި ޕްރޮގްރާމަށް މިހާރު ބަދަލުތަކެއް ގެނައި ނަމަވެސް އަދިވެސް 30 ސިކުންތުގެ ތެރޭގައި ޖަވާބު ދޭން ޖެހޭ "އަވަސް ބުރު" ގެ ނަމުގައި ކުރާ ފަސް ސުވާލާއި މަޝްހޫރު އެކި މީހުންގެ އަޑުތައް ހިމަނައިގެން ފޮނުވާ "އަޑުބުރު" އަދި ނަންބަރެއް ނެގުމުން އިނާމު ލިބޭ "ސުންބުލި" އަދި ޕްރޮގްރާމްގައި ބައިވެރިވާ މީހުންގެ ތަރުތީބުން ދިމާވާ އެކަކަށް ލިބޭ "ސަޕްރައިޒް" އިނާމް ފަދަ ކަންތައްތައް ހިމެނެ އެވެ.
އޭގެ އިތުރުން ކޮންމެ ދުވަހަކު ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ މީހަކަށް އެ ދުވަހު ބައިވެރިވާ އެންމެ ހޯދާ ޕޮއިންޓާ އެއްވަރަށް ފައިސާގެ އިނާމު ވެސް ދެ އެވެ.
ޝައުގުވެރި އެތައް ބައިތަކެއް
"މިއީ ހައްތާ ވެސް އެހުންތެރިންގެ ޝައުގުވެރިކަން އިތުރުކުރަން ހިމަނާފައިވާ ބައިތަކެއް. މިކަހަލަ ތަފާތު ބައިތަކެއް ހިމަނާފައިވާތީ އެހުންތެރިންގެ މިހާ ބޮޑު ޝައުގެއް އޮންނަނީ،" އެ ޕްރޮގްރާމް ހުށަހެޅުމުގައި ނަސްރުއާއެކު ބައިވެރިވާ މުހައްމަދު ރަމީޒް ވިދާޅުވި އެވެ.
ރޯދަމަހު ހަވީރު މިހާރު ވެސް ކިރިޔާ ވަގުތެއް ލިބޭއިރަށް ޓިއުންކޮށްލަނީ ދިވެހިރާއްޖޭގެ އަޑުން ފޮނުވާ "ރޯދަ ކުރުކުރުން" ޕްރޮގްރާމަށެވެ. ކުޑައިރުއް ސުރެން ފެށިގެން އަޑުއަހާ އެ ޕްރޮގްރާމަކީ އަދިވެސް އަޑު އަހާ ފޫހިނުވާ ޕްރޮގްރާމެވެ. މި ޕްރޮގްރާމާ ބެހޭ އިންޓަވިއު ނަގަން އަޑުގެ ސްޓޫޑިއޯގައި އިން އިރުވެސް ނަސްރު އާއި ރަމީޒް އެހުންތެރިންނާ ދައްކާ މަޖާ ވާހަކަތަކުން ބައެއް ފަހަރު ހިނިގަނޑު ފަޅައިގެންނުދަނީ ކިރިޔާ އެވެ. އެތައް އަހަރެއް ވީއިރު ވެސް ބަދަލުވީ ޕްރޮގްރާމް ހުށަހަޅައިދޭ މީހުންނެވެ. ޕްރޮގްރާމަކަށް މާބޮޑު ބަދަލެއް ނާދެ އެވެ.
ނަސްރުއާއި ރަމީޒު އަދި ރާޒީގެ ބުރަ މަސައްކަތުން އަހަރުން އަހަރަށް ޕޮރުގުރާމަށް ގެންނަ ހެޔޮ ބަދަލު ބަލައިގަންނަން ތިޔަބޭފުޅުންގެ ހިތްވަރަށް ސާބަސް. ތިޔައީ ކުރާ ކޮންމެ ކަމެއްވެސް ވީހާވެސް ފަރުވަަތެރިކަމާއެކު ކުރަމުން ގެންދާ ޓީމެއް
30 ދުވަހަށް ދެމިގެންދާ ސިލްސިލާ ޕްރޮގްރާމެއް ވީމާ ކުރިން ގެނައި ގޮތަށް ވާދަވެރި ޕްރޮގްރާމެއް ގެންނަން ފެނޭ.. އޭރުން ޕްރޮގްރާމްގެ ފޯރިވެސް މާގަދަވާނެ.. މިކަމުގައި އާއްމުންގެ ޚިޔާލު ހުރިގޮތްބަލާލުން އެދެން..