ކުވޭތުގެ ބޯޑަރުގެ ތިން ސަރަހައްދަކަށާއި، ކަނޑުގެ ތެޔޮ އުފައްދާ މަރުކަޒަކަށް ހަމަލާދީފި ކަމަށް އެ ގައުމުން ބުނެފި އެވެ.
ކުވޭތުގެ ޑިފެންސް މިނިސްޓްރީން އާދީއްތަ ދުވަހު ބުނި ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ތެރެއިން، އެގައުމުގެ ބޯޑަރުގެ ތިން ސަރަހައްދަކަށާއި ކަނޑުގައި ހުރި ތެޔޮ އުފައްދާ ޕްލެޓްފޯމަކަށް ވަނީ ހަމަލާދީފަ އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގައުމުގެ އުތުރުގެ ބޯޑަރުގެ ތިން ސަރަހައްދަކަށް ދިން ހަމަލާތަކެއްގައި މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، މި ހަމަލާތައް ދިނީ ކޮން ބައެއް ކަމެއް އެ ބަޔާނުގައި ސީދާ ބުނެފައެއް ނުވެ އެވެ. މީގެ އިތުރުން، ކުވޭތު އޮއިލް ކޮމްޕެނީގެ ތެޔޮ ކޮންނަ ޕްލެޓްފޯމަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގައި، އެ ތަނަށް ގެއްލުންތަކެއް ލިބި، އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފަކަށް އަނިޔާވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
އާދީއްތަ ދުވަހު އެމެރިކާ އާއި އީރާނުގެ އަސްކަރީ ބާރުތަކުގެ މެދުގައި ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، އީރާނުން ވަނީ ގަލްފުގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ. މީގެ އިތުރުން، ދުނިޔޭގެ އިގްތިސާދަށް މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ބަންދުކޮށްފައިވާ ކަމަށް ވެސް ތެހެރާނުން ވަނީ އިއުލާންކޮށްފަ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށާއި ހަނގުރާމަ ހުއްޓާލުމަށް އަމާޒުކޮށް، އިތުރު 60 ދުވަހުގެ މަޝްވަރާތަކަށްފަހު އެމެރިކާ އާއި އީރާނާ ދެމެދު މިދިޔަ މަހު ސޮއިކުރި ވަގުތީ އެއްބަސްވުމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
އީރާނުން ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި
ޕީއެންސީގެ އިންތިހާބު: މާރާމާރީއާ ގުޅިގެން ދެ މީހަކު ހަޔަރުކޮށްފި