ހުޅުމާލޭގައި ފްލެޓްތަކެއް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އޮޅުވާލައިގެން ނެގުމަށްފަހު ފިލައިގެން ސްރީލަންކާގައި އުޅުނު ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ނެރުނު މައްސަލަ ބަލައި، ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މިދިޔަ މާޗު މަހު އަންމަޓީ ލަންކާ އިން ރާއްޖެ ގެނެސް ބަންދުކުރި ފަހުން އެކި ފަހަރު މަތިން އޭނާގެ ބަންދު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަންމަޓީގެ ބަންދު ހަތް ދުވަހަށް އިތުރުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިނިމިނަލް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުނެރެފަ އެވެ.

އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބޭރު ކޮށްލައިފަ އެވެ. އެގޮތުން ހައިކޯޓުން އެ މައްސަލަ ބޭރުކުރީ އިސްތިއުނާފުގެ މުއްދަތުގައި އެބާވަތުގެ މައްސަލަތަކަށް އޮންނަ 48 ގަޑިއިރުގެ ވަގުތު ހަމަވެފައިވާކަމަށް ނިންމާފަ އެވެ.

ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އަދި މި މައްސަލައިގައި އިސްތިއުނާފު އަޑުއެހުންތައް ނިންމުމަށްފަހު، އަންނަ އާދިއްތަ ދުވަހު ގޮތެއް ނިންމުމަށް އެކޯޓުން ނިންމާފައިވެ އެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ މާޗު މަހު 13 ވަނަ ދުވަހު އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ވަނީ އަންމަޓީއަށް ތުހުމަތުކުރައްވައިފަ އެވެ.

އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އިއްވޭނެ އެވެ.