ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށި ހުރި ބިމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ބިއްލޫރިތައް ތަޅައިގެންދާތީ އެތަނުގެ ބިއްލޫރި ދޮރުތައް ބަދަލުކުރަން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) ނިންމައިފި އެވެ.

އެތަނުގެ ބިއްލޫރި ދޮރުތައް ބަދަލުކުރަން މިއަދު އިއުލާންކުރިއިރު، އަރަބިއްޔާ ސްކޫލް ހުރި ބިމުގައި އިމާރާތް ކޮށްފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށި ހުރި ތަނުގައި ހެދި "މާލޭ ސްކުއާ"ގެ ދޮރުތަކުގެ ބިއްލޫރިތައް ރެނދުލައި ތަޅައިގެން ގޮސް ދޭތެރެ ދޭތެރެއިން މަގުމައްޗަށް ފައިބަ އެވެ.

އެޗްޑީސީން ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އިންޑިއާގެ ޓާޓާ ކުންފުނިން ހެދި އެ އިމާރާތްތަކުގެ ފެންވަރު ދަށްވެ، ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެތަނުގައި މިދިޔަ އަހަރު މީހުން ދިރިއުޅެން ފެށުމާ އެކު، ބައެއް ފްލެޓްތަކުގެ ބިއްލޫރިތަކުގައި ރެނދުލައި ތަޅައިގެންދާ ކަމަށާއި އެކަމުގެ ރިޕޯޓު ތަކުރާރުކޮށް ލިބެމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެޗްޑީސީން ބުނިގޮތުގައި އެ މައްސަލަ ދިމާވަނީ ބިއްލޫރިތަކަށް މާބޮޑަށް ހޫނުވާތީ އެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނުގައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 25،000ރ. ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ ތިން އަހަރު ކުރިން، 2016 ވަނަ އަހަރު ނިންމި އެ ފްލެޓްތައް އާއްމުންނަށް ދައްކާލުމާ އެކު ވެސް އެތަނުގައި ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.