ގުދުސް (22 އޭޕްރީލް) - މަސްޖިދުލް އަގްސާގައި އިއްޔެގެ ހުކުރު ނަމާދުގެ ޖަމާއަތް ކުރިއަށް ދަނިކޮށް އިޒްރޭލު ސިފައިން ޑްރޯން ބޭނުން ކޮށްގެން މިސްކިތަށް ކަރުނަ ގޭސް ޖަހައިފި އެވެ.

މިސްކިތުގެ ތެރޭގައި ކަރުނަ ގޭސް ފެތުރުމާއެކު ގިނަ ބަޔަކު ނޭވާ ހާސްވުމުގެ ސަބަބުން ހުކުރު ނަމާދަށް ވެސް ވަނީ ބުރޫ އަރާފަ އެވެ.

އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި ފަލަސްތީނުގެ ރެޑް ކްރެސެންޓުން އެ ސަރަހައްދުގައި ހަރަކާތްތެރިވި އިރު މިސްކިތުގެ ގޯތި ތެރޭގައި އެ ޖަމާއަތުން ދިޔައީ ކްލިނިކްތައް ހިންގަމުންނެވެ.

އިއްޔެގެ ހުކުރު ނަމާދުގެ ޖަމާއަތުގައި 150،000 އަށްވުރެ ގިނަ މުސްލިމުން ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލް ސިފައިން ކަރުނަ ގޭސް ޖެހުމުގެ ކުރިން ހުކުރު ދުވަހުގެ ހެނދުނު ވެސް ވަނީ ފަލަސްތީނުގެ ޒުވާނުންތަކަކާއި އިޒްރޭލުގެ ފުލުހުންނާ ދެމެދު ކުރިމަތިލުން ތަކެއް ހިނގާފަ އެވެ. މި ހަމަ ނުޖެހުންތަކުގައި ފުލުހުން ވަނީ ރަބަރު ވަޒަނާއި ސްޓަން ގްރެނޭޑްގެ އިތުރުން ކަރުނަ ގޭސް ވެސް ބޭނުން ކޮށްފަ އެވެ.

މިދިޔަ ހަފްތާ ތަކުގެ ތެރޭގައި އިޒްރޭލް- ފަލަސްތީނުގެ މަޝްރަހު ހޫނުވެ އިތުރު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ޣައްޒާގައި 11 ދުވަހުގެ ހަނގުރާމައެއް ވަނީ ހިނގާފަ އެވެ. -- އަލް އަރަބިއްޔާ