މާލެ އެކި ސަރަހައްދުތަކުގައި ދީނީ ރީތި އިރުޝާދުތައް ލިޔެފައިވާ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން އަންނަނީ ރީތި އިރުޝާދު ދޭ ބޯޑުތައް މާލެ އެކި ސަރަހައްދުތަކުގައި ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިފަދަ ރިވެތި އިރުޝާދުދޭ ބޯޑުތައް ހެދުމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ކުރުމަށް ނިންމާފައިވާ ކަމެކެވެ. މި ބޯޑުތަކުގެ ބޭނުމަކީ ރީތި އުސޫލުތައް އާންމު ރައްޔިތުންނަށް ކިޔައިދިނުމާއި ރިވެތި އުސޫލުތަކުން ކަންކަން ކުރުމަށް މީހުންނަށް ބާރުއެޅުން ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
މި މަސައްކަތް ފެށިކަން ހާމަކުރައްވާ ކުރެއްވި ޓުވީޓެއްގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރިވެތި އިރުޝާދުދޭ ކުދި ބޯޑުތަކުގެ އިތުރުން މިފަދަ އިރުޝާދު ދޭ ބޮޑަތި ބޯޑުތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކުރެވިގެންދާނެ ކަމަށެވެ.
މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ހަރުކުރުމަށް ހަމަޖެހިފައިވަނީ 100 ބޯޑެވެ. އަދި މިފަދަ އިރުޝާދުދޭ ބޮޑެތި 10 ބޯޑު ހަރުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
މާލެ ސިޓީ ކައުންސިލުން ރިވެތި އުސޫލުތަށް އަންގައިދޭ ބޯޑުތަށް މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ހަރުކުރުމުން އެކިއެކި ދީނީ އިލްމުވެރިނާއި އާންމު ރައްޔިތުން އަންނަނީ ޝޯޝަލް މީޑިއާގައި މޭޔަރަށާއި ކައުންސިލަށް ތަޢުރީފުކުރަމުންނެވެ. ރިވެތި އިރުޝާދު ދޭ މި ބޯޑުތައް ފަރުމާކޮށްފައިވަނީ ކަމާއިބެހޭ ފަންނީ މީހުންގެ އިރުޝާދާއި ލަފާގެ މަތިންނެވެ.
ތިޔައީ މި ސަރުކާރަށް ހަޖަމު ވާނެ ކަމެއްނޫން.