ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ "ވިނަރެސް" ފްލެޓްތަކުގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

މި މަޝްރޫއުގެ ދަށުން 1،344 ފްލެޓް ހިމެނޭ 10 ޓަވަރެއް އަންނަނީ ހަދަމުންނެވެ.

ވިނަރެސް ފްލެޓްތަކަކީ ކުރީ ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ފެށި މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކުރިން ކަނޑައެޅި ތާރީޚަށް ނިންމިފައި ނުވަނީ ކޮވިޑް-19އާ ގުޅިގެން ފުރަބަންދުވެ ގިނަ ދުވަސްތަކެއް ފާއިތުވުމުން ކަމަށް އެޗްޑީސީން ބުންޏެވެ.

މި މަޝްރޫއުގެ ތެރެއިން ވަނީ މާލޭގެ ރަށްވެހިންގެ އިތުރުން ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ދޫކޮށްލި މީހުންނާއި، އެމްޑީޕީ ސަރުކާރުން ކުރިން ގުޅިފަޅުގައި ހިންގި ހައުސިން މަޝްރޫއިން ފްލެޓް ލިބުނު މީހުންނާއި އަދި ސީލައިފް ހައުސިން ސްކީމުން ލަނޑު ލިބުނު މީހުންނަށް ވިނަރެސްއިން ފްލެޓް ހޯދުމުގެ ފުރުސަތު ދީފައިވެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުޙައިލް އަހުމަދު ޕީއެސްއެމްއަށް ވިދާޅުވެފައި ވަނީ ހިޔާފްލެޓު ދޫކޮށްލި މީހުންގެ ތެރެއިން 100 ވަރަކަށް މީހުން ވިނަރެސް ފްލެޓަށް އެދިފައިވާ ކަމަށެވެ. އަދި ގުޅިފަޅުން ފްލެޓް ލިބުނު މީހުންގެ ތެރެއިން 96 މީހަކު ވިނަރެސްއިން ފެލްޓް ހޯދުމަށް އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިނަރެސް ފްލެޓުގެ މަސައްކަތާ ބެހޭ ގޮތުން ސުހައިލް ވިދާޅުވީ މިހާރު ކުރިއަށްދަނީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ކަމަށެވެ. އަދި އަމާޒަކީ އަންނަ ޖުލައި މަހަށް މަސައްކަތްތައް ނިންމައި ފްލެޓްތައް ހަވާލު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިނަރެސް މަޝްރުއުގައި މުޅިން ވެސް ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މީގެ ތެރޭގައި ހަތަރު ބާވަތެއްގެ ހައުސިން ޔުނިޓްތައް ހިމެނެ އެވެ. އަދި މި އެޕާޓްމަންޓްތަކުގެ އަގު ހިޔާ ފްލެޓްތަކަށް ވުރެ އެތައް ގުނައެއް ބޮޑެވެ.