ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރާ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހީމާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހްމަދު މޫސާ އަލުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ޖަލަށްލާން ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ބޭސްފަރުވާ ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ. އަދި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރުނު އަމުރު އެގޮތުގައި ދެމި އެބައޮތް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން އެފަދައިން ނިންމިޔަސް އެއް ފަނޑިޔާރެއްގެ ރައުޔު ކުޑަކޮށް ތަފާތެވެ. އެއީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. އޭނާގެ ރައުޔަކީ ބޭސް ފަރުވާއަށް ބަންދަށް ލުއިދެވޭނެ އެވެ. ނަމަވެސް އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔަކީ ބޭސްފަރުވާއަށް ބަންދަށް ލުއި ދެވޭނެ އެވެ.

އެ ދެ މީހުން އަލުން ބަންދު ކުރަން ހުކުމް ކުރީ އެ ދެ މީހުންގެ ބޭސްފަރުވާގެ ސީރިއަސް މައްސަލައެއް މީގެކުރިން ހުރި ކަމަށް ފާހަގަވެފައިނުވާތީ އެވެ.

ދެހާސް ވިހި ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ މީހުންނާއެކު އިތުރު ބަޔަކު ވެސް ހައްޔަރުކޮށް ދައުވާ އުފުލި އެވެ. އެއީ ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން ބަންގްލަދޭޝައަށް ނިސްބަތްވާ ދެ މީހަކަށެވެ. އެއީ މުޙައްމަދު ރިޔާދު އަދި އިގްބާލެވެ.

އެ އެންމެންނަށް ވެސް އުފުލި ދައުވާ ސާބިތުވެއްޖެަމަ 30 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އަންނާނެ އެވެ.