ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ މުހައްމަދު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުމުގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހައިކޯޓަށް އަންގައިފި އެވެ.

އަންމަޓީ ދޫކޮށްލި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ 48 ގަޑިއިރު ފަހުން މައްސަލަ ހުށަހެޅި ކަމަށް ބުނެ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. ދެން ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އިސްތިއުނާފު ކުރަންޖެހޭ 48 ގަޑިއިރު ގުނަން ޖެހޭނީ މިނެޓުން ނުވަތަ ގަޑިއިރަށް ބަލައިގެން ކަމަށެވެ. ނަމަވެސް އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް އެ މުއްދަތުގައި ނުގުނޭނެ ދެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކުރި ހުކުމްގައިވެ އެވެ.

އެހެންކަމުން އަންމަޓީގެ މައްސަލަ ދައުލަތުން ޖެހޭނީ 48 ގަޑިއިރުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅާށެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެޗްޑީސީ އާއި ސީލައިފާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، އެ ކުންފުންޏާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކޮށެވެ.

ސީލައިފުން ވަނީ ފްލެޓް އަޅައިދޭނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައިފަ އެވެ. އެ މައްސަލާގައި އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 50 އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޭނާއަށް އަންނާނެ އެވެ.

އަންމަޓީ އަކީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެފައިވާ މީހެކެވެ. އޭނާ ހޯދިފައި ވަނީ އިންޓަޕޯލުން ރެޑްނޯޓިސް ނެރެގެން ކުރި މަސައްކަތުންނެވެ.