އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ކާމިޔާބަށް އެދިވަޑައިގެން ފައްޔާޒާއެކު ހުންނެވިކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ހާމަ ކުރައްވައިފި އެވެ.
މިނިސްޓަރު ނަސީމް ފައްޔާޒަށް ތާއީދު ކުރައްވާ އެކަން ހާމަކުރެއްވީ ކުރެއްވި ޓުވީޓެއްގަ އެވެ.
ފައްޔާޒާއެކު އޭނާގެ ކެމްޕެއިން ހަރުގޭގައި ހުންނަވާ ނަންގަވާފައިވާ ފޮޓޯއަކާއެކު ނަސީމް ވަނީ އިންތިހާބުގައި ފައްޔާޒަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.
ނަސީމް، ހުންނެވީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ މި އިންތިހާބުގައި ފައްޔާޒަށް ލިބިވަޑައިގެން ކެންޑިޑޭޓް ނަންބަރު ދޭއް އަތުގެ އިޝާރާތުން ދައްކަވައިގެންނެވެ.
ނަސީމް ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރެއްވި އިރު ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖިލިސްގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ތިއްބެވީ ރައީސް ސޯލިހުގެ ކެންޑިޑޭޓް ފައްޔާޒްއާއި އެކީގަ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑޭޓަކީ އިމްތިޔާޒް ފަހުމީކަމަށް ވިޔަސް ނަޝީދުގެ އަރިހުގައި މަސައްކަތްކުރެއްވި ގިނަ ބޭފުޅުން މިވަގުތު ތިއްބެވީ ފައްޔާޒާ އެކީގަ އެވެ. އެގޮތުން އެމަނިކުފާނުގެ ލޯޔަރުކަން ކުރެއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވެސް ހުންނެވީ ފައްޔާޒްއާ އެކީގަ އެވެ.