ވޮޝިންޓަން (28 އޭޕްރީލް) - ރަޝިއާއަކީ ޓެރަރިޒަމްއަށް ވާގިވެރިވެ އެކަމަށް ޚަރަދުކުރާ މައި ސްޕޮންސަރެއްގެ ގޮތުގައި ކަނޑައަޅަން އެމެރިކާއިން ވިސްނަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސްޓޭޓް ސެކެޓްރަރީ އެންތަނީ ބްލިންކަންއާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން ކުރަމުންދާ އަމަލުތަކަކީ އެގައުމު ޓެރަރިޒަމްގެ ސްޕޮންސަރެއްގެ ގޮތުގައި ކަނޑައެޅުމަށް ބަލަންޖެހޭ މިންގަނޑުތަކަށް ފެތޭ އަމަލު ތަކެއްތޯ ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން ރިޕަބްލިކަން ޕާޓީގެ ސެނެޓާ ލިންޑްސޭ ގްރަހަމް ވަނީ ކުރިއަށް އޮތް ސެނެޓުގެ ބައްދަލުވުުމުގައި މި ނިންމުން ނިންމަން ގޮވާލާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ބްލިންކަން ވިދާޅުވީ ޔޫކްރެއިންގައި ރަޝިއާއިން ހިންގަމުން އަންނަ ހަނގުރާމައިގެ ޖަރީމާތަކަކީ ޓެރަރިޒަމްއާ އެއްވަރުގެ ޖަރީމާތަކެއް ކަމަށެވެ.

އެމެރިކާއިން މިބީދައިން ވާހަކަ ދައްކާފައިވާއިރު ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ވަނީ ޓެރަރިސްޓް ސްޓޭޓެއްގެ ގޮތުގައި ރަޝިއާ ކަނޑައަޅައިދިނުމަށް މީގެ ކުރިން އެމެރިކާގައި އެދިފަ އެވެ.

އެމެރިކާއިން ޓެރަރިސްޓް ސްޓޭޓްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަތަރު ގައުމެކެވެ. އެއީ އީރާން، ސީރިއާ، ކިއުބާ އަދި އުތުރު ކޮރެއާ އެވެ.-- އަލް އަރަބިއްޔާ