ސަލްޓަންޕާކުގައި ހުއްޓައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ރޫޅާލި ކަޅުވަކަރު މިސްކިތް އަލުން ރާވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިފި އެވެ.

އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކަޅުވަކަރު މިސްކިތަކީ، ދިވެހިންގެ ސަގާފަތާއި، ފަންނުވެރިކަމާ ގުޅި ލާމެހިފައިވާ މިސްކިތެއް ކަމަށެވެ. އަދި އެ މިސްކިތަކީ ދިވެހި އަމިއްލަވަންތަ އެތައް ސިފަތަކެއް ޖަމާވެ ރައްކާތެރި ކުރެވިފައިވާ ތާރީޚީ ޚަޒާނާއެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އެ ގޮތުން ދިވެހިންގެ އިމާރާތްކުރުމުގެ ފަންނުވެރިކަމަށް ބެލިކަމުގައި ވީ ނަމަވެސް، މިއީ ވަރަށް މުހިންމު މިސްކިތެއްކަމަށާއި މިއީ ރާއްޖޭގައި ކަޅުވަކަރުން ޢިމާރާތްކޮށްފައިވާ، މިހާރު ފެންނަން ހުރި ހަމައެކަނި މިސްކިތްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެހެންކަމުން މިފަދަ ސަގާފީ ތަރިކައެއް ނެތިގެން ދިޔަނުދީ ރައްކާތެރިކުރުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމުގައި ދެކެވަޑައިގަންނަވާކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުން އެ މިސްކިތް އަލުން ރާވާ ބަހައްޓާފައި މި ވަނީ ގާނޫނީ ގޮތުން ވެސް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައި ކަމަށާއި، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އަމަލުކުރަން ފެށި ސަގާފީ ތަރިކައިގެ ގާނޫނު ބުނާ ގޮތުން، މިފަދަ ތަންތަން ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ދައުލަތާއި ރައްޔިތުންގެ ވެސް ޒިންމާއެއް ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ވެސް ސަރުކާރުން މި މިސްކިތް އަލުން ރާވާ ބަހައްޓާފައި މި ވަނީ ތަރިކައަކީ އިގްތިސާދީ މުހިންމު ވަސީލަތެއްގެ ގޮތުގައި ދެކިގެންކަމަށާއި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމުގެ ގޮތުން އަންނަ އަހަރުގެ ތެރޭގައި އިގްތިސާދީ ދާއިރާތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާތީ ރާއްޖޭގައި ސަގާފީ ފަތުރުވެރިކަމެއް އާލާކުރެވޭނެ ގޮތަކާ މެދު ވިސްނުން ބެހެއްޓުމަކީ މުހިންމުކަމެއް ކަމުގައި ދެކިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ގައުމިއްޔަތުގެ އެންމެ މުހިންމު ބަހާއަކީ އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމް ދީނުގެ ސައްހަ އަގީދާ ކަމަށާއި، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައިދެނީ ވެސް ދީނީ އެއްބައިވަންތަކަން ކަމަށް ވެސް ވިދާޅުވި އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ކަޅުވަކަރު މިސްކިތާއި އެ މިސްކިތް ވަށައިގެން އޮންނަ ޕާކު ހުޅުވައިދެއްވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކަޅުވަކަރު މިސްކިތް އަލުން ރާވައި، ހުޅުވުމަށްފަހު ރައީސް ސޯލިހު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މި މޭރުމުން އިތުރަށް ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ ރާއްޖެ އިސްލާމްވީ ފަޚުރުވެރި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިތާ، އެންމެ ފަސް މަސް ދުވަހުގެ ތެރޭގައި މަޝްރޫޢު ފުރިހަމަކުރެއްވި ކަމަށްޓަކައި، މިނިސްޓަރު އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި، މި މަސައްކަތުގައި އުޅުނު ދިވެހި ފަންނުވެރިންގެ ޒުވާން ޓީމަށް، ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފަ އެވެ.

މާލޭ ކަޅުވަކަރު މިސްކިތަކީ ދިވެހީންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ހިރިގަލުގެ ރީތި ނަމޫނާއެކެވެ. މި މިސްކިތަކީ ދިވެހިންގެ އާސާރީ، ތާރީޚީ އަދި ބަހަވީ މުހިންމު ތަރިކައެކެވެ. މި މިސްކިތުގައި ބިންވަޅުނަގައި ތާނަ އަކުރުން ލިޔެފައިވާ ބޯގަފަތްކޮޅަކީ ރާއްޖެއިން މިހާރު ފެންނަންހުރި އެންމެ ދުވަސްވީ ތާނަ އަކުރުގެ އެއް ލިޔުމެވެ. މި މިސްކިތް އެންމެ ފުރަތަމަ ބަހައްޓާފައިވަނީ ދިވެހި ޝާހީ ގަނޑުވަރުގެ ގޯތިތެރޭގައެވެ. ނަމަވެސް އެކި ފަހަރު މަތިން، އެކި ސަބަބުތަކާ ގުޅިގެން، މި މިސްކިތް އެކި ތަންތަނަށް ބަދަލުކުރައްވާފައިވެ އެވެ.