ދިވެހިރާއްޖެއަށް ޗައިނާއިން އެހީދިނުމުގައި ދުވަހަކުވެސް އަމިއްލަ މަސްލަހަތު އިސްކޮށްފައި ނުވާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެ އެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިން މިހެން ވިދާޅުވީ ރައީސް ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާއާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
ސަފީރު ވިދާޅުވީ ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ އެންމެ ހާއްސަ ކަމަކީ ދެ ގައުމަކީ ވެސް ހަމަހަމަ ބައެއް ކަމަށް ދެކިގެން އިހްތިރާމާ އެކު ކުރިއަށް ދިއުން ކަމަށެވެ. އަދި ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދެނީ ދެ ގައުމުން ވެސް ކަންބޮޑުވާ ކަންކަމުގައި އިހްލާސްތެރިކަމާ އެކު ކަމަށާއި ރާއްޖެއަށް އެހީވުމުގައި އަމިއްލަ މަސްލަހަތު އިސްކޮށްގެން އެއްވެސް އިރަކު މަސައްކަތް ކޮށްފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެ- ޗައިނާ ގުޅުމަކީ އެކުވެރިކަމާއި ދެ ގައުމަށް ވެސް ފައިދާވާ، "ވިން-ވިން" ނަތީޖާއެއް ނެރެވޭނެ ކަމުގެ ފުރިހަމަ މިސާލެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޗައިނާ އިން އެދެނީ އަދި އެހީވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގެ ކަންކަމުުގައި ކަމަށާއި ޗައިނާއިން އެހެން ގައުމެއްގެ ދާޚިލީ ކަންކަމާ ނުބެހޭނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. އަދި ޗައިނާއިން ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަދެގަންނަން ބޭނުންވާ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި ރާއްޖެއާއި ޗައިނާއާ އޮންނަ ގުޅުމުގެ ތެރެއަށް ތިންވަނަ ފަރާތެއް ޓާގެޓް ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝިޔަމް ސަރަން ދެއްވި ލެކްޗަރެއްގައި ބައިވެރިވެވަޑައިގެން ނަޝީދު ވަނީ ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން ޗައިނާ އިން އުޅެނީ ރާއްޖެ އަށް "ހުދުމުހުތާރު ވެރިކަމެއް" ގެނައުމަށް ކަމަށް ވެސް ތުހުމަތު ކުރައްވާފައިވެ އެވެ. އަދި ޗައިނާގެ މަގްސަދަކީ ރާއްޖޭގެ ބިންތައް ފޭރިގަތުމާއި ރާއްޖެ ދަރަނި ދަންތުރައެއްގައި ޖެއްސުން ކަމަށް ވެސް ނަޝީދު ވަނީ ސިފަ ކުރައްވައިފަ އެވެ.
އެކަމަކު، ޗައިނާގެ މަގްސަދުތައް ހާސިލް ކުރަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވާނެ ކަމުގެ ޔަގީން ކަން ވެސް އެމަނިކުފާނު ދެއްވި އެވެ.