ކީވް (02 މެއި) - ރަޝިއާ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ ކޭރްސަންގެ ރަސްމީ ފައިސާއެއްގެ ގޮތުގައި ރަޝިއަން ރުބެލް ބޭނުން ކުރަން ފަށައިފި އެވެ.
ރަޝިއާގެ އޮފިޝަލުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ މި މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅަނގު ޔޫކްރެއިންގެ ކޭރްސަންގައި ރުބެލް ބޭނުން ކުރަން ފަށާނެ ކަމަށެވެ.
ރަޝިއާގެ މި ފިޔަވަޅަކީ ޔޫކްރެއިންގެ ދާޚިލީ ކަންކަމުގެ ތެރެއިން އެގައުމުުން ނުވަންނާނެ ކަމަށް ބުނަމުން އައި އައުމާ ޚިލާފު ފިޔަވަޅެކެވެ.
ރަޝިއާއިން އިތުރަށް ބުނީ ފައިސާގެ ހުރިހާ މުއާމަލާތްތަކެއް ރުބެލްއަށް ބަދަލު ކުރުމުގެ ކުރިން ހަތަރު މަހުގެ ގްރޭސް ޕީރިއަޑްއެއް ދެވޭނެ ކަމަށެވެ. މި މުއްދަތުގައި އެ ސަރަހައްދުގައި ޔޫކްރެއިންގެ ފައިސާ ވެސް ބޭނުން ކުރެވޭނެ އެވެ.
ރަޝިއާގެ މި ފިޔަވަޅަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ފިޔަވަޅުތަކެއް ކަމަށް ބުނެ ޔޫކްރެއިންގައި ހަރަކާތްތެރިވާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިދިޔަ ފެބްރުއަރީ މަހު 24 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިންއަށް އަރައި ރަޝިއާއިން ދަނީ އެގައުމުގެ އެކި ހިސާބުތައް ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެންނަން މަސައްކަތް ކުރަމުންނެވެ. -- އަލްޖަޒީރާ