ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލް އަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ޖެމެއިކާގެ ކެނޑިޑޭޓް ކަމީނާ ޖޯންސަން ސްމިތްއަށް ރާއްޖެއިން ތާޢީދުކުރުމަށް ނިންމައިފި އެވެ. މިކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ޖެމެއިކާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ އެންޑްރޫ މައިކަލް ހޯލްނެސްއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮމަންވެލްތް އޮފް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްގެ ކެންޑިޑެސީއަށް ކަމީނާ ޖޯންސަން-ސްމިތްއަކީ، އެކަމަނާއަށް ލިބިވަޑައިގަންނަވާފައިވާ ގިނަ ތަޖުރިބާއަށް ބަލާއިރު އެންމެ އެކަށީގެންވާ ކެންޑިޑޭޓް ކަމުގަ އެވެ. އަދި ކަމީނާ ޖޯންސަންއަށް ރާއްޖޭގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ. އެކަމަނާގެ ޒަޢާމަތުގައި ރާއްޖެއާ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކޮމަންވެލްތުގައި ރަނގަޅަށް ތަމްސީލުކުރެވިގެންދާނެ ކަމުގައި ޔަގީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުމާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖެމެއިކާގެ ބޮޑު ވަޒީރު ރާއްޖެއަށް ވަޑައިގެންނެވުމަށް ދަޢުވަތު ދެއްވާފަ އެވެ.

ކޮމަންވެލްތު އޮފް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްއަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ މިއަހަރުގެ ޖޫން މަހު ރުވާންޑާގެ ކިގަލީގަ އެވެ.