މާލޭގެ ގަރާޖެއްގައި އޮތް ކާރެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެގޮތުން އަލިފާނުގެ ހާދިސާ ހިނގީ މާޅޭ އިސްކަންދަރު މަގުގައި ހުރި ގަރާޖެއްގަ އެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ ގަރާޖުގެ ތެރޭގައި އޮތް ކާރެއްގައި ރޯވެގެން ކަމަށް މައުލޫމާތުދެ އެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވިއަން ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ މިރޭ 9:08 ގައި ކަމަށެވެ.

އަލިފާން ރޯވި ސަރަހައްދުގެ ފޮޓޯތައް ސޯޝަލްމީޑިއާގައި އާންމުވާން ފަށާފައިވާއިރު، އެސަރަހައްދުން ގިނަ އަދަދެއްގެ ދުން ނިކުންނަ މަންޒަރު ފެނެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.