ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ރައީސަށް ހުށަހެޅުމަށް ފަހިކޮށްދޭ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ދަށުން، ރައީސް މުހައްމަދު މުއިއްޒާ ބައްދަލުކުރަން ބޭނުންވާ އާންމުންނަށް އެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ފުރުސަތު ދިނުމަށް ނިންމާފައިވަނީ ހަތަރު ދާއިރާއެއްގެ ރައްޔިތުންނަށެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުމާލެ މެދު ދާއިރާ، އައްޑޫ ހުޅުދޫ ދާއިރާ އަދި ހޯރަފުށި ދާއިރާގެ ރައްޔިތުންނަށެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް، މި ހަފުތާގެ ބުދަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ހުށަހަޅަން ޖެހެ އެވެ.
މި ބައްދަލުވުންތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، ކޮންމެ މީހަކަށްވެސް ރައީސާ ވާހަކަދެއްކުމަށް ލިބޭނީ ގިނަވެގެން 10 މިނެޓެވެ. ބައްދަލުވުމުގައި ދައްކާނެ މައުޟޫއެއް ކުރިން އެނގުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށާއި، އަމިއްލަ ކަންކަމާއި ދާއިރާގެ ކުރިއެރުމަށް ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ އިޚްތިޔާރު ރައްޔިތުންނަށް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ބައްދަލުވުންތައް ކުރިއަށްދާނެ ތަރުތީބާއި ވަގުތުތައް ރައީސް އޮފީހުން ތާވަލުކުރާއިރު، އާންމު އުސޫލެއްގެ ގޮތުން މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އަދި މި ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތައް އަމިއްލައަށް ރިކޯޑުކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
އެފްޑީސީ ފްލެޓްތަކުގެ އިންޓަނެޓް އެއްބަސްވުމުގައި ޖޫރިމަނާތަކެއް!
އިނގިރޭސި ވިލާތުގައި އެންމެ މަގުބޫލު ފިރިހެން ނަމަކީ މުހައްމަދު!