ބެއިރޫތު (08 މެއި) - ލުބްނާނުގެ ގާނޫނު ހަދާ މަޖިލިސް އާ ދައުރަކަށް އިންތިހާބުކުރަން ބާއްވާ އިންތިހާބުގެ ފުރަތަމަ ބައި ފަށައިގެން ކުރިއަށް އެބަދެ އެވެ.

މުޅި އިންތިހާބު ދެބަޔަކަށް ބެހިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު މިއަދު ކުރިއަށް ދަނީ ގައުމުން ބޭރުގައި ދިރިއުޅޭ ރައްޔިތުންގެ ވޯޓުލުމެވެ.

އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 48 ގައުމެއްގައި ދިރިއުޅޭ 195،000 އަށްވުރެ ގިނަ ލުބްނާނު ރައްޔިތުން ވޯޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާއިރު، މިއަދު ހެނދުނުން ފެށިގެން އެކި ގައުމުތަކުގައި ވޯޓުލުން ދަނީ ކުރިއަށެވެ.

އިންތިހާބުގެ ދެވަނަ ބައި ކަމަށްވާ ލުބްނާނުގައި ދިރިއުޅޭ ރައްޔިތުންގެ ވޯޓުލުން އޮންނާނީ މި މެއި މަހުގެ 15 ވަނަ ދުވަހު އެވެ. އެއަށްފަހު އަންނަ އޮކްޓޯބަރު މަހު މަޖިލީހުގެ އާ ދައުރެއް ފަށާނެ އެވެ.

މި އިންތިހާބަކީ ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ލުބްނާނަށް ކުރިމަތިވި އިގްތިސާދީ އަނދަވަޅަށްފަހު އެގައުމުގައި ބޭއްވޭ ފުރަތަމަ އިންތިހާބެވެ. ހަމައެއާއެކު 2020 ވަނަ އަހަރު ބެއިރޫތުގައި ގޮވި ގޮވުމަށްފަހު ވެސް ބޭއްވޭ ފުރަތަމަ އިންތިހާބެވެ.

ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބޭއްވޭ މި އިންތިހާބުގައި 2018 ވަނަ އަހަރު ކާމިޔާބު ހޯދީ ހިޒްބުﷲ ޖަމާއަތުންނާއި އެ ޖަމާއަތުގެ ވާގިވެރިންނެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރޭގައި ލުބްނާނުގެ އިގަތިސާދީ ހާލަތުން ސަލާމަތްވާން އެހެން ގައުމުތަކަށް ހިޖުރަކުރި މީހުން ވެސް ހިމެނެ އެވެ. -- އަލް އަރަބިއްޔާ