ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓެން ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ މިދިޔަ މާޗް މަހު ތިން ވަނަ ފަހަރަށް އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު އެވެ. ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

އައްމަޓީ ދޫކޮށްލަން އަމުރުކުރީ ޝަރުތުތަކަކާއެކު އެވެ. އޭގެތެރޭގައި އާ ޕާސްޕޯޓެއް ހައްދަން އިމިގްރޭޝަނަށް ހުށަހަޅައިފި ނަމަ، އެކަން ކްރިމިނަލް ކޯޓަށް އަންގަން ޖެހޭގޮތަށް އޮތްއޮތުން ހިމެނެއެވެ. ކޮންމެ ދުވަހަކު ކަރެކްޝަނަލް ސާވިސްއަށް ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތު ކޮށްފައި ވެސް ވެ އެވެ. އެކަންކަން އެހެން އޮތުމުން ފިލުމުގެ ފުރުސަތު ނެތިކޮށްލެވޭ ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެޗްޑީސީ އާއި ސީލައިފާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، އެ ކުންފުންޏާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކޮށެވެ.

ސީލައިފުން ވަނީ ފްލެޓް އަޅައިދޭނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައިފަ އެވެ. އެ މައްސަލާގައި އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 50 އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޭނާއަށް އަންނާނެ އެވެ.

އަންމަޓީ އަކީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެފައިވާ މީހެކެވެ. އޭނާ ހޯދިފައި ވަނީ އިންޓަޕޯލުން ރެޑްނޯޓިސް ނެރެގެން ކުރި މަސައްކަތުންނެވެ.