ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރާނެ މަސައްކަތެއް ނެތިގެން ނިންމާލައިފި އެވެ.

މިއަދުގެ ޖަލްސާއަކީ މަޖލީހުގެ ފުރަތަމަ ދައުރުގެ ޗުއްޓީއަށްފަހު ބޭއްވި ފުރަތަމަ ޖަލްސާ އެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބަށްފަހު ބޭއްވި ފުރަތަމަ ޖަލްސާވެސް މެއެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރެވިފައިއޮތީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ ސުވާލުކުރެއްވުން އެކަންޏެވެ. ސުވާލުކުރުމުގެ ބައި ދިޔައީ 30އަކަށް މިނެޓަށެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް ބައެއް ކޮމެޓީތަކުގައި ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް މަޖިލީހުގެރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. އެގޮތުން އިގްތިސާދީ ކޮމެޓީގައި ތިން ބިލެއް، ޖުޑީޝަލް ކޮމެޓީގައި ތިން ބިލެއް، އިޖުތިމާއީ ކޮމެޓީގައި ތިން ބިލެއް، ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ބިލެއް، ކްލައިމެޓް ޗޭންޖް ކޮމެޓީގައި ބިލެއް، ލާމަރުކަޒީ ކޮމެޓީގައި އެއްބިލް، މާލިއްޔަތު ކޮމެޓީގައި ދެބިލް، ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގައި ބިލެއް، ގައުމީ ތަރައްގީ ކޮމެޓީ އާއި ކްލައިމެޓް ޗޭންޖް ކޮމެޓީ އަދި ލާމަރުކަޒީ ކޮމެޓީ އެއްކޮށްލައިގެން އުފައްދާފައި އޮތް ކޮމެޓީއެއްގައި އެއްބިލް، ގައުމީ ތަރައްގީ ކޮމެޓީ އާއި ލާމަރުކަޒީ ކޮމެޓީ އެއްކޮށްލައިގެން އުފައްދާފައިވާ ކޮމެޓީގައި ތިން ބިލް، އިޖުތިމާއީ ކޮމެޓީ އާއި ގައުމީ ތަރައްގީ ކޮމެޓީ އެއްކޮށްލައިގެން އުފައްދާފައިވާ ކޮމެޓީގައި އެއްބިލް އެބައޮތެވެ.

މިހާރު މަޖިލީހަށް ހުށަހެޅިފައި ހުރި މުހިއްމު ބިލްތަކުގެ ތެރޭގައި ރިސޯޓްތަކުގެ ބިމު ކުލި ކުޑަ ކުރުމުގެ ބިލާއި، ހެއްކާއި ބެހޭ ބިލް ފާހަގަ ކޮށްލެވެ އެވެ.