މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތްނުކޮށް ތިބުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ފައިސަލް މިހެން ވިދާޅުވީ މިއަދު ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި "ގްލާސްގޯ-ޝަރްމުއްޝައިޚް ވާކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ނައިބު ރައީސް ވަނީ ދުނިޔެއަށް ކުރިމަތިވަމުން އަންނަ ޕެންޑަމިކްއާއި ސަރަހައްދީ ހަނގުރާމަތަކާއި އަދި އެތައް ގޮންޖެހުން ތަކަކީވެސް މޫސުމަށް އަންނަ ބަދަލުތަކާއި އެކިގޮތްގޮތުން ގުޅިފައިވާ ކަންތައްތައްކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ދިވެހިރާއްޖެއަކީ ބިންތިރި ޖަޒީރާ ގައުމެއް ކަމުގައިވާތީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުގެ އަސަރު ރާއްޖެއަށް ބޮޑުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ކަނޑުތައް ހޫނުވުމާއި، ޖައްވު ހޫނުވުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވާ ނުރައްކާތަކަށް ފިޔަވަޅު އެޅުމަށް ކުރަންޖެހޭ އިންވެސްޓްމަންޓާއި ބޭނުންވާ ކަންކަން ވަރަށް ސާފުކޮށް އެނގެން އޮތް ނަމަވެސް އެކަމަށް ސިޔާސީގޮތުން ލިބެންވާ ސަމާލުކަން، ބޭނުންވާ މިންވަރާ ގާތަށް ވެސް ނުލިބޭކަމާ، މާލީ އެހީތެރިކަން ލިބެމުން ނުދާކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ނައިބް ރައީސް ފައިސަލްގެ ވާހަކަފުޅުގައި، މި އަހަރުގެ ނޮވެންބަރު މަހުގައި ޝަރްމުއް ޝައިޚްގައި އޮންނަ ބައްދަލުވުމަށް ދުނިޔޭގެ ގައުމުތަކުން ތައްޔާރުވާއިރު ޕެރިހާއި ގްލާސްގޯގައި ވެފައިވާ ވަޢުދުތައް ތަންފީޒުކުރެވި، ސިޔާސަތުތަކަކަށް ބަދަލުކުރެވި، މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެޑެޕްޓޭޝަނަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް ވަނީ ދިވެހިން ކުރަމުން އަންނަ މަސްވެރިކަމާއި އެނޫންވެސް މަސައްކަތްތައް ކުރުމުގައި އެމީހުންގެ ގައުމުގައި ގާއިމުވެ ތިބެން ބޭނުންވާކަމަށާއި އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަމާއި ބޭނުންވާ ޓެކްނޮލޮޖީ ހޯދުމުގައި ލުއިގޮތްތަކެއް ހަމަޖެއްސުމާއި ދެމެހެއްޓެނިވި ތަރައްގީއާ ތަފާތުކުރުންތައް ކުޑަކުރުމަށް މަގުފަހިވާގޮތަށް ވިލުންތެރިކަން އިތުރުކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހަމަ އެހެންމެ ނައިބު ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން އިތުރަށް ލަސްވެގެންދިއުމަކީ އެންމެ ނާޒުކު ހާލަތުގައި ހުރި ގައުމުތަކުގެ ރައްޔިތުންނަށް ތަޙައްމަލު ކުރެވޭވަރުގެ ގެއްލުމެއް ނޫންކަން ފާހަގަކުރައްވާފަ އެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން އިތުރުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ފުރުސަތުވެސް، ފިޔަވަޅުތައް ނާޅައި ތިބެފިނަމަ، ކުރިޔަށްއޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ގެއްލިގެން ހިނގައިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ޕްރޮގްރާމް ކުރިޔަށްގެންދަނީ މިމަހުގެ 16 އިން 17އަށް ރާއްޖޭގައެވެ. ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައި ހިފެހެއްޓުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކުކަން ކުޑަކުރުމަށް މަސައްކަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ޕެރިސް އެގްރީމަންޓުގެ މުހިންމު އަމާޒެކެވެ.