ކައުންސިލްތަކަށް ލިބިދޭންޖެހޭ ބާރުތައް އެހެން ކައުންސިލުތަކަށް ލިބުނު ނަމަވެސް މާލެ ސިޓީ ކައުންސިލަށް އެބާރުތައް ލިބިފައިނުވާ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު ޑރ. މުއިއްޒު މިހެން ވިދާޅުވީ ވީޓީވީއިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ އެހެން ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލާއި މެދު ތަފާތުކުރުންތަކެއް މި ސަރުކާރުން ގެންގުޅޭ ކަމަށެވެ.

"ލާމަރުކަޒީ ގާނޫނުގަ ވަރަށް ސާފުކޮށް ބަޔާންކޮށްފަވޭ ކައުންސިލްތަކުގެ ޒިންމާތަކާއި ދޭންޖެހޭ ޚިދުމަތްތައް. އެހެން ނަމަވެސް މާލެ ސިޓީ ކައުންސިލް ވީމަ މި ސަރުކަރުން ތަފާތު ތަކެއް ގެންގުޅޭ. ރާއްޖޭގެ ގިނަ ރަށްތަކުގައި ޤާނޫނުގަ މި ދެންނެވި ބާރުތަކާ މަސްއޫލިއްޔަތުތަކާއި ޚިދުމަތްތަކާ ޒިންމާތައް މި ދެންނެވިގޮތަށް އެބަ ފުރުޞަތު ދެއްވާ. މާލޭގަ ވީމާ މިފެންނަނީ މުޅިން އެހެން މަންޒަރެއް،" މޭޔަރު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި މި ސަރުކާރުގެ އެންމެ މަތިންފެށިގެން ހުރިހާ ވެރިންވެސް ލާމަރުކަޒީ ގާނޫނުގެ ބާރުތައް ކައުންސިލްތަކަށް ދޭނެކަމަށް ވިދާޅުވަމުން ގެންދިޔަނަމަވެސް އިންތިހާބަށްފަހު އެވާހަކަތައްވީ ބޭކާރު ވާހަކަ ތަކަކަށް ކަމަށެވެ.

"އެކަމަކު ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން މިދިޔަ އަހަރު ސަރުކާރުގެ ވެރިން ރައީސުލް ޖުމްހޫރިއްޔާ އިން ފެށިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރުގެ އިސްވެރިން ކެމްޕޭނުގެ ދުވަސްވަރު ވިދާޅުވަމުން ދިޔައީ ރަށްރަށެކޭ މާލެއެކޭ ތަފާތުނުކޮށް ގާނޫނުގަ ވާގޮތަށް އެބާރުތައް ދޭނަމޭ. އެހެން ނަމަވެސް އިންތިޚާބަށްފަހު އެވާހަކަތައްވީ ބޭކާރު، ޢަމަލެއް ނުކުރި ވާހަކަތަކަކަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީގެ ރައްޔިތުންނަށް ކައުންސިލުން ދޭންޖެހޭ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް އެންމެބޮޑު ދަތިތަކެއް ކުރިމަތިވަނީ މުޅި ސަރުކާރުގެ އެއްބާރުލުން އެކަށީގެންވާ ގޮތުގެ މަތިން ލިބެމުން ނުދާތީކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ އެހެން ނަމަވެސް ސަރުކާރުގެ ބައެއް މުއައްސަސާތަކުން އެހީތެރިކަން ލިބޭ ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.