މިމަހުގެ ކުރީކޮޅު މާލެއިން ގެއްލުނު ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު 33، ރަހީނުކުރިކަމުގެ ތުހުމަތުގައި ކުޑަކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ޝިރުމީނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އަދި ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނުނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.

ޝިރުމީނާ ފެނިފައި ވަނީ، އޭނާ ގެއްލިގެން ހޯދަން އާއްމުންގެ އެހީއަށް ފުލުހުން އެދުނު ފަހުން އޭނާ ދިރިއުޅޭ ގޭގެ ސިޑިމައްޗަށް ވެއްޓިފައި އޮއްވައި ނޮވެމްބަރު އެއްވަނަ ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޝިރުމީނާ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން 31 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކުރި އެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގުގައި ކުރިއަށް ގެންދަން ކޯޓުން ފުރަތަމަ ދިން 15 ދުވަސް ހަމަވުމާއެކު، އިއްޔެ އަނެއްކާ ވެސް ވަނީ 15 ދުވަސް އިތުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ޝިރުމީނާގެ އާއިލާއިން "ހުރިހާ"އަށް ބުނީ އޭނާ ރަހީނުކޮށް ބަޔަކު ފައިސާތަކެއް އަތުލި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އޭނާގެ އާއިލާއިން ވާހަކަދެއްކި މީހަކު އިއްޔެ ބުނީ ޝިރުމީނާގެ މޫނުމަތީގައި ޖަހާފައި އެބަހުރި ކަމަށެވެ. އަދި އެ ނޫންވެސް އެކިއެކި ގެއްލުންދީ ހެދުމުން ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަތުގައި ހުރި 20،000 އެއްހާ ރުފިޔާ ރަހީނުކުރި މީހުން ފޭރިގެންފައިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.