މަޝްހޫރު އެކްޓަރު ދީޕިކާ ޕަޑުކޯން އަކީ އިންޑިއާގައި ގިނަ ބަޔަކު އެންމެ ލޯބިކުރާ ކުޅަދާނަ އެކްޓަރެކެވެ.

ގިނަ އަދަދެއްގެ ރީތި ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިން ދީޕިކާގެ ރީތިކަމާއި އޭނާގެ އެކްޓްކުރުުގެ ހުނަރަކީ އެހެން އެތައް ފަންނާނުންނަށް ވުރެ ބޮޑަށް ދީޕިކާ ހާއްސަ ކޮށްދޭ ކަމެކެވެ. އަދި އޭނާއާ ގުޅޭ ކޮންމެ ކަމަކީ ވެސް ބެލުންތެރިން އެނގެން ބޭނުންވާ ކަންކަމެވެ.

އެގޮތުން ދާދި ފަހުން ކޭންސް ފެސްޓިވަލްގައި ދީޕިކާ ފެނިފައިވާއިރު، އޭނާ ކޮށްފައިވާ މޭކަޕާއި ގަހަނާތަކުގެ އިތުރުން ލާފައިވާ ހެދުން އާންމުންނަށް ކަމަކު ނުދިޔަ އެވެ.

ގިނަ ބަޔަކު އޭނާ ލައިގެން ހުރި ހެދުމަށާއި ކޮށްފައިވާ މޭކަޕަށް މަލާމާތްކޮށްފައިވާއިރު، އާންމުން ވަނީ ސޯޝަލްމީޑިއާގައި ދީޕިކާއަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. އެގޮތުން ލޮލުގެ މޭކަޕާއި ކަންފަތުގައި އަޅާފައިވާ ގަހަނާ ނުލައި އެކަނިވެސް އޭނާގެ ފެނިލުން އިސްލާހު ކުރެވިދާނެ ކަމަށް އެއްބަޔަކު ބުނެފައިވެ އެވެ.

ކޭންސް ފެސްޓިވަލްއަށް ދިއުމަށް ލާފައިވާ ހެދުމާއެކު ފޮޓޯއެއް ދީޕިކާގެ އިންސްޓަގްރާމުގައި އާންމުކޮށްފައިވާއިރު، ދީޕިކާ ވަނީ، އޭނާ އިހުތިޔާރު ކުރި ސާޅި އާއި މޭކަޕް އޭނާއަށް ވަރަށް ހާއްސަވާކަމުގައި ބުނެފަ އެވެ. އަދި "ދަ ސާރީ" އަކީ އޭނާ ކޮންމެ ތަނަކަށް ދިޔަޔަސް ދެއްކުން ނުހުއްޓުވޭނެ ވާހަކައެއް ކަމަށްވެސް ދީޕިކާ ބުނެފައިވެ އެވެ.