މާލެ ސިޓީ ކައުންސިލްގެ އެއް ލައްކަ ގަސް ޕްރޮގްރާމުގެ ދަށުން ކަނބާ އައިސާރަނި ހިނގުމުގައި ދިހަ އަނބު ގަސް އިންދައިފި އެވެ.
ކަނބާ އައިސަ ރަނި މަގުގައި އެއް ލައްކަ ގަސް ޕްރޮގްރާމުގެ ދަށުން ގަސް އިންދާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް އެއް އަހަރު ފުރުނު އަހަރީ ދުވަހު އެވެ.
އެއްލައްކަ ގަސް ޕްރޮގްރާމުގެ ދަށުން ކަނބާ އައިސާރަނި ހިނގުމުގައި ގަސް އިންދާފައިވަނީ ތާޖުއްދީން ސްކޫލް ސަރަހައްދުގަ އެވެ.
ކަނބާ އައިސާރަނި ހިނގުމުގައި އިއްޔެ އިންދާފައިވަނީ 10 އަނބު ގަހެވެ. މި 10 ގަހުގެ ތެރެއިން ފުރަތަމަ ގަސް އިންދާދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އެވެ. މީގެ އިތުރުން ބައެއް ކައުންސިލަރުންވެސް ވަނީ ގަސް އިންދާފަ އެވެ.
މިކަމާއި ގުޅިގެން މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއީ މާލެ ފެހިކޮށް ޗާލު މާލެ ސިޓީ އަކަށް ހެދުމަށްޓަކައި ސިޓީ ކައުންސިލުން ކުރަން ރޭވިފައިވާ މަސައްކަތްތަކުގެ ތެރެއިން ފެށިފައިވާ މަސައްކަތެއް ކަމަށެވެ. އަމާޒަކީ މާލޭގެ އެކި މަގުތަކާއި މައިދާން ތަކުގައި ގަސް އިންދުން ކަމަށް މޭޔަރުގެ ޓްވީޓްގައި ފާހަގަކުރެއްވި އެވެ.
އެއް ލައްކަ ގަސް ޕްރޮގްރާމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުގައި ހިމެނޭ ޗާލު މާލެ ސިޓީގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މާލެ ސިޓީ ކައުންގެ އަމާޒަކީ މާލޭގެ ހުރިހާ ސަރަހައްދެއްގައި ރައްޔިތުންގެ އެއްބާރުލުމާއެކު މި ޕްރޮގުރާމު ތަންފީޒު ކުރުމެވެ.