ކީވް (22 މެއި) - ވަކި ދައުލަތެއް އިއުލާން ކޮށްފައިވާ ޔޫކްރެއިންގެ ޑޮންބަސްގައި ޔޫކްރެއިން އަސްކަރިއްޔާއާއި ރަޝިއާގެ ސިފައިންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ އިތުރަށް ވަރުގަދަވެއްޖެ އެވެ.

ގައުމާ މުހާތަބު ކުރައްވަމުން ޔޫކްރެއިންގެ ރައީސް ވްލަޑިމީރް ޒެލެންސްކީ ވަނީ ޑޮންބަސްގައި މިވަގުތު އޮތީ އުނދަގޫ ހާލަތެއް ކަމަށާއި ރަޝިއާ ސިފައިން ދޭ ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ ރަޝިއާގެ ހަމަލާތައް ވަރުގަދަވީ ނަމަވެސް ޔޫކްރެއިންގެ އަސްކަރިއްޔާއިން އެ ހަމަލާތަކަށް އެންމެ އެކަށޭނަ ރައްދު ދެމުން އަންނަ ކަަމަށެވެ.

"އަހަރުމެންގެ ސިފައިން އަންނަނީ ކޮންމެ ދުވަހަކު ވެސް ރަޝިއާގެ ރޭވުންތައް ހުއްޓުވައި އެ މީހުންނަށް އުނދަގޫތައް ކުރިމަތި ކުރުވަމުން،" ޒެލެންސްކީ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޔޫކްރެއިންއިން ވަނީ އަމާން ދިނުން ނުވަތަ ރަޝިއާގެ އެއްވެސް ޝަރުތަކަށް އެއްބަސްވުން އެއީ އޮތް ގޮތެއް ނޫން ކަމަށް ބުނެ އެކަންކަމަށް ދެކޮޅު ހަދާފަ އެވެ.

ލުހަންސްކްއާއި ޑޮނެޓްސްކްގެ ސަރަހައްދުތަކަކީ ޔޫކްރެއިންގެ ސަރުކާރާ ވަކިވެގަނެ ވަކި ދައުލަތެއް އިއުލާން ކޮށް ރަޝިއާއަށް ވާގުވެރިވަމުން އަންނަ ސަރަހައްދެކެވެ. -- ބީބީސީ