މޮސްކޯ (23 މެއި) - ޔޫކްރެއިންއާއެކު ސުލްހައިގެ މަޝްވަރާތައް އަލުން ފަށަން ރަޝިއާއިން ތައްޔާރު ކަމަށާއި އެހެން ނަމަވެސް އެކަމުގެ ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ ޔޫކްރެއިނުން ކަމަށް ރަޝިއާއިން ބުނެފި އެވެ.
ރަޝިއާގެ އިސް މަޝްވަރާގެ ސަފީރެއް ކަމަށްވާ ވްލަޑިމީރް މެޑިންސްކީ ވިދާޅުވީ މަޝްވަރާތައް މެދުކަނޑާލުމަކީ ޔޫކްރެއިންއިން ބޭނުންވި ގޮތެއް ކަމަށާއި އެހެން ކަމުން މަޝްވަރާތައް އަލުން ފެށުމުގެ އިޚްތިޔާރު އޮތީ ވެސް ޔޫކްރެއިންއަށް ކަމަށެވެ.
"ރަޝިއާއިން އެއްވެސް އިރެއްގައި މަޝްވަރާތަކަށް ދެކޮޅު ހަދާފައެއް ނުވާނެ. އެއީ ދެ ރައީސުންގެ ދެމެދުގައި ކަމަށް ވިޔަސް. އެކަމަކު އެފަދަ މަޝްވަރާއެއް ބާއްވާނަމަ ތައްޔާރީ ތަކެއް ވާން ޖެހޭނެ،" މެޑިންސްކީ ވިދާޅުވި އެވެ.
ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށީއްސުރެ އެދެގައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށް ދާއިރު މިހާތަނަށް އެ ކަމުން އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ޔޫކްރެއިންގެ އިސް ސަފީރު މައިކައިލޯ ޕޮޑޮލްޔަކް ވިދާޅުވީ ހަތިޔާރު ބަހައްޓާ އަމާން ދިނުމަކީ ޔޫކްރެއިނުން ކުރާނެ ކަމެއް ނޫން ކަމަށާއި ހަނގުރާމަ ނިމެން އޮތީ އެގައުމުގެ ބިމުން ރަޝިއާ ސިފައިން ފައިބައިގެން ކަމަށެވެ.
"ރަޝިއާއިން އެކަމަށް ތައްޔާރުވަންދެން އަހަރުމެންގެ ޖަވާބަކަށް ވާނީ ހަތިޔާރާއި ދަތިކުރުމުގެ ފިޔަވަޅުތަކާއި ފައިސާ" ޕޮޑޮލްޔަކް ވިދާޅުވި އެވެ.
ރަޝިއާއިން ފެބްރުއަރީ މަހު ޔޫކްރެއިންއަށް އަރައި ފެށި ހަނގުރާމައަށް ތިން މަސް ވެފައިވާއިރު ރަޝިއާއިން ވަނީ ޔޫކްރެއިންގެ ބައެއް މުހިއްމު ސަރަހައްދުތައް ފަތަހަ ކޮށްފަ އެވެ. -- އަލް އަރަބިއްޔާ