ރޭ ފަތިހު އާއި މިއަދު ހެނދުނު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައި ވަނިކޮށް، އަލުން ކަރަންޓު ދީފި އެވެ.

ރޭ ފަތިހު 4 ޖަހަނިކޮށް މާފަންނު ބަޔަކު ކަރަންޓު ކެނޑުނެވެ. އަދި މިއަދު ހެނދުނު ހަތެއް ޖެހިއިރު މުޅި މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ވަނީ ކަރަންޓުގެ ހިދުމަތް ކެނޑުނެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ، މުޅި މާލެއިން ކަރަންޓު ކެނޑުމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ކަރަންޓު ދިނުމަށް ބޭނުން ކުރާ 8 ފީޑަރުން ކަރަންޓު ދިއުމުން، ދިމާވި މައްސަލަ ދެނެގަތުމަށް ފަހަރަކު ފީޑަރެއް ޖައްސާ، މާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، 8 ވަނަ ފީޑަރު ފިޔަވާ އެހެން ހުރިހާ ފީޑަރަކަށް ކަރަންޓް ދިނުމަށްފަހު 8 ވަނަ ފީޑަރު ޖެއްސުމުން މުޅި މާލެއިން އަލުން ކަރަންޓު ގޮސްފައިވާ ކަމަށެވެ.

"ފޯލްޓް އައިޑެންޓިފައި ކުރެވިއްޖެ. 8 ވަނަ ފީޑާ އިން ސްވިޗް ގިއާއެއްގެ މައްސަލަ ޖެހުނީ. މިހާރު ފީޑާތައް ޖައްސަމުން މިދަނީ. އަދި އެއް ސްވިޗް ގިއާއެއްގެ ކޭބަލް އެހެން ގިއާއަކާ ގުޅުމުގެ މަސައްކަތް ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށް މުޅި މާލެއަށް އަލުން ކަރަންޓު ދިނީ ގާތްގަނޑަކަށް 9:15 ހާއިރު އެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން އެކުންފުނިން ފާހަގަކުރެ އެވެ.