އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ އަންހެން ކުއްޖަކު އުމުރުން އެންމެ 10 އަހަރުގައި މައުންޓް އެވަރެސްޓްގެ ބޭސް ކޭމްޕާ ހަމައަށް އަރައިފި އެވެ.

ރިދަމް މަމާނިއާ ނަމަކަށް ކިޔާ މި ކުއްޖާ ބޭސް ކޭމްޕާ ހަމައަށް އަރަން ހޭދަވީ 11 ދުވަސް ކަމަށް އޭނާގެ މަންމަ ބުންޏެވެ. މި ޓްރެކްގައި ރިދަމްއާއެކު އޭނާގެ މަންމައާއި ބައްޕަ ބައިވެރިވެފައިވެ އެވެ.

ރިދަމްގެ މަންމަ އިތުރަށް ބުނީ އުމުރުން ފަސް އަހަރުން ފެށިގެން ރިދަމް ޓްރެކިން ކުރަމުން އަންނަ ކަމަށާއި އޭނާގެ އެންމެ ފުރަތަމަ ޓްރެކްއަކަށް ވީ 21 ކިލޯ މީޓަރުގެ ދޫދްސާގަރް ފަރުބަދަ ކަމަށެވެ.

"އެއަށްކަހު ރިދަމް އަންނަނީ ސަހްޔަދާރީ ރޭންޖްގައި ހުރި ފަރުބަދަ ތަކުގައި ޓްރެކް ކުރަމުން" ރިދަމްގެ މަންމަ ބުންޏެވެ.

ބޭސް ކޭމްޕަށް އަރަން ކުރި ޓްރެކްގައި މެދު ނުކެނޑި 9-8 ގަޑިއިރަށް ރިދަމް ހިނގާފައިވާ ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ.

10 އަހަރުގެ ކުއްޖަކު މައުންޓް އެވަރެސްޓްގެ ބޭސް ކޭމްޕަށް އަރާފައިވާ ކަމަށް ނޭޕާލްގެ އިދާރާތަކުން ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.

ބޭސް ކޭމްޕާ ހަމައަށް ހިނގާފައި އެރުމަށްފަހު ރިދަމްއާއެކު ޓްރެކްގައި ބައިވެރިވި މެމްބަރުން ތިރިއަށް ފައިބަން ހެލިކޮޕްޓަރެއް ބޭނުން ކުރި ނަމަވެސް ރިދަމްއާއި އޭނާގެ އާއިލާ ފޭބީ ވެސް ހިނގާފަ އެވެ.

މައުންޓް އެވަރެސްޓްއަކީ ދުނިޔޭގެ އެންމެ އުސް ފަރުބަދައަށްވާއިރު އެ ފަރުބަދައިގެ ބޭސް ކޭމްޕް ހުންނަނީ ބިމަށްވުރެ 5،634 މީޓަރު އުހުގަ އެވެ.