ކ. ތިލަފުށިން ލަކުނޑި ބަރުކޮށްގެން ދަތުރުކުރި، ދޯންޏެއް ސަފާރީއެއްގައި ޖެހި ހިނގި ހާދިސާއެއްގައި ދޯނި ފެތިއްޖެ އެވެ.

މެރިން ޕޮލިހުން ބުނިގޮތުގައި، ފުޅާ ދާއިރާއެއްގައި ލަކުޑީގެ ވިޔަފާރިކުރާ ޓިމްބާ ހައުސްގެ އެ ދޯނި ސަފާރީގައި ޖެހި މި ހާދިސާ ހިނގީ މިއަދު 11.20 ހާއިރު އެވެ.

މި ހާދިސާގައި އެ ދޯނި ޖެހުނު ސަފާރީއަކީ "ޔަސަވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީ އެވެ.

މި ހާދިސާގައި "ހުވަނދުމާ 2" ދޯންޏަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ދޯނި ދިޔަވެ އަޑިއަށް ދިޔަ އެވެ. ނަމަވެސް ދޯނި މިހާރު ވަނީ ޓީޖެޓީ ސަރަހައްދަށް ވައްދާފައި ކަމަށް ވެސް މެރިން ފުލުހުން ބުންޏެވެ.

ތިލަފުށިން ލަކުނޑި ބަރުގެން ދަތުރުކުރި ޓިމްބާ ހައުސްގެ ދޯންޏެއް ސަފާރީއެއްގައި ޖެހި ޓީޖެޓީ ސަރަހައްދަށް ފެތިފައި. ފޮޓޯ: އެމްއެންޑީއެފް

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރަކަށް ހުންނަވަނިކޮށް އަވަހާރަވި ހުސެއިން ވަހީދުގެ ހިއްސާ އޮންނަ ޓިމްބާ ހައުސްގެ ދޯނި ފެތިފައިވާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެ ދޯނީގައި ބަރުފައި ހުރި ލަކުނޑި ފަޅުތެރެއަށް އެޅި އޮޔާދާ މަންޒަރު ވެސް އާންމުވެފައިވެ އެވެ.

ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އޮޔާދާ ލަކުނޑިއާމެދު ސަމާލުވުމަށް މެރިން ޕޮލިހުންވަނީ އިލްތިމާސްކޮށްފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.