ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެކޯޓުގެ ފަނޑިޔާރުން ކަމަށްވާ އަލީ ސަމީރު ފަނޑިޔާރުގެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.
މިމަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރެމަތިލެވޭނީ އުމުރުން 25 އަހަރު ވެފައިވާ ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއިން ޑިގްރީ އެއް އޮތުމާއެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަކީ 36،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސުގެ ގޮތުގައި 3،300 ރުފިޔާވެސް ލިބެ އެވެ. މީގެ އިތުރުން މެޑިކަލް އެލަވަންސާއި، ފޯނު އެލަވަންސް ވެސް ލިބިގެންދާނެ އެވެ.
ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަރީ ސާވިސް ކޮމިޝަނުން ހުޅުވާލާފައިވާއިރު އެކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް އެކޮމިޝަނުން ވަނީ ނިންމާފަ އެވެ. އަދި އެކޮމިޝަނުން ނިންމި ނިމުމަކީ ރަގަޅު ނިމުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން ވަނީ ކަނޑައަޅާފަ އެވެ.