ތައުލީމާއި ހުނަރާ އަދި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް 500 މީހުންގެ ޖާގައިގެ "ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" އެއް ލ. ކަޅައިދޫގައި ހަދަން ސަރުކާރުން ނިންމައިފި އެވެ.

އެ ރަށުގައި "ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" ބިނާކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އިއްޔެ ޒިޔާރަތްކުރައްވައި، އެ ސަރަޙައްދު ބައްލަވާލައްވައި، އެ މަރުކަޒު ބިނާކުރުމުގެ މަސައްކަތާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ނައިބު ރައީސް އިއްޔެ މެންދުރުފަހު އެރަށަށް ކުރެއްވި ދަތުރުފުޅުގައި "ޔޫތު ސްކިލް ޑިވެލޮޕްމެންޓް ސެންޓަރު" ގާއިމުކުރުމަށް އެ ރަށުގައި ކަނޑައަޅާފައިވާ ސަރަޙައްދުގެ އިތުރުން، އެ ސެންޓަރާއެކު އެ ރަށުގައި ހަމަޖައްސަންޖެހޭ އެހެން ޚިދުމަތްތަކާއި އިންތިޒާމުތަކަށް އެންމެ އެކަށޭނެ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނަށް ވެސް ޒިޔާރަތްކުރައްވައި އެ ތަންތަން ވެސް ފައިސަލް ބައްލަވާލެއްވި ކަމަށެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ނައިބު ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ދައުލަތުގެ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ކަޅައިދޫގައި މަޝްވަރާކުރައްވަމުން އެ މަނިކުފާނު ވަނީ، މި ސެންޓަރުގައި ޒުވާނުންނަށް ފޯރުކޮށްދެވޭ ތަރުބިއްޔަތާއި ދަސްކޮށްދެވޭ ހުނަރުތަކަކީ އެ މީހަކަށް އަމިއްލަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދައި، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި އެހީތެރިވެދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި މުޖަތަމައުގެ ހުރިހާ ފަރުދުންނަކީ، ވަކިން ހާއްސަކޮށް ޒުވާނުންނަކީ، މުޖުތަމައަށް ފައިދާކުރުވަނިވި ބައެއްގެ ގޮތުގައި ބިނާކުރުމުގައި އެހީތެރިވެދިނުމަކީ މިފަދަ މަޒުކަޒެއް ބިނާކުރުމުގެ އެންމެ މުހިންމު ބޭނުންކަމަށް ފައިސަލް ވިދާޅުވި އެވެ.

ލ. ކަޅައިދޫގައި ޒުވާނުންނަށް ތަމްރީނުދޭން ހަދާ މަރުކަޒު ނައިބުރައީސް ފައިސަލް އިއްޔެ ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް

އެ އޮފީހުން ބުނީ އެ މަރުކަޒުގައި ތަޢުލީމާއި ހުނަރާ އަދި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް ރާވާފައިވާއިރު، އެ މަރުކަޒުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންނަށް ބޭނުންވާނެ އެކި ވަޞީލަތްތައް ވެސް ކަޅައިދޫގައި ގާއިމުކުރާނެ އެވެ. އަދި މި މަރުކަޒުގައި ހިންގާ ޕްރޮގްރާމުތައް ފުރިހަމަކުރާ ފަރާތްތަކަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތާއި އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ނައިބު ރައީސް ކަޅައިދުއަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.