ލަންޑަން (29 މެއި) - ހަ މިލިއަން ޕައުންޑް (ގާތްގަނޑަކަށް 7.5 މިލިއަން އެމެރިކާ ޑޮލަރު)ގެ އަގުހުރި ސުޕަ ޔޮޓެއްގައި އަލިފާން ރޯވެ އަނދާ އަޅިއަށް ވެއްޖެ އެވެ.

ރާއްޖެ ގަޑިން ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އިނގިރޭސިވިލާތުގެ ޓޯކޭ ބޭގައި ބަނދަރު ކޮށްފައި އޮތް 85 ފޫޓުގެ ޔޮޓެއްގަ އެވެ.

ބާރު ގޮވުމަކާއެކު ހުޅުގަނޑު ފަޅައިގެން ދިޔައިރު އެމެޖެންސީ އިދާރާތަކުން ވަނީ އެ ސަރަހައްދުގައި ހުރި އިމާރާތްތަކުން މީހުން ހުސްކޮށް އެލާޓް ނެރެފަ އެވެ.

ފަޔާ ފައިޓަރުންގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް ދަންވަރުގެ ވަގުތެއްގައި ޔޮޓު އަޑިއަށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ޔޮޓުގައި އަލިފާން ރޯވީ ބާރުގަދަ އަޑުފަށްގަނޑަކާއެކު ގޮވި ގޮވުމަކަށްފަހު ކަމަށެވެ. އަދި އެއަޑަށްފަހު ކަޅު، ބޯ ދުންގަނޑެއް އެރި ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ޔޮޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ އަޅިއަށް ވެފަ އެވެ.

ހާދިސާ ހިނގިއިރު ޔޮޓުގައި ނުވަ ޓަނުގެ ޑީސަލް ހުރި ކަމަށް އިދާރާތަކުން ބުނި ނަމަވެސް އަލިފާން ރޯވާން މެދުވެރިވި ސަބަބު ހޯދިފައިނުވާ ކަމަށް އެ އިދާރާތަކުން ބުނެ އެވެ.

އެ ސަރަހައްދުގެ އެންވަޔަރަމެންޓް އޮތޯރިޓީއިން ވަނީ މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ފެން ތަޣައްޔަރުވެ ފެންވަރަން ބޭނުންކުރާ ފެނަށް ނޭދެވޭ އަސަރު ކުރާނެތީ ސަމާލުވާން އެދިފަ އެވެ.